• Mon, 13 July, 2020, 2:31 pm

    އެސްޖީއަށް ބިރެއް ނުދައްކަން، ދިނީ ނަސޭހަތް: އުއްތަމަ ފަނޑިޔާރު

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ސުޕްރީމް ކޯޓުގެ ސެކްރެޓްރީ ޖެނަރަލް (އެސްޖީ) ޑރ. ހުސެއިން ފާއިޒަށް އިންޒާރުދީ ބިރު ދައްކާފައިވާ ވާހަކަ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ދޮގު ކުރައްވައިފިއެވެ.

    އުއްތަމަ ފަނޑިޔާރު އެކަން ދޮގު ކުރެއްވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ނެރެފައިވާ ގަވާއިދުތަކަށާއި އުސޫލަތަކަށް އަމަލު ނުކުރުމަށް ޑރ. ފާއިޒަށް އަންގަވައި އަދި އެ ޑިޕާޓްމަންޓާ އެއްވެސް މުއާމަލާތެއް ކުރައްވައިފިނަމަ ވަޒީފާއިން ވަކިކުރައްވާނެ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް ބުނެ ޖޭއެސްސީން އެ މައްސަލަ ބަލަން ފަށާފައިވަނިކޮށެވެ.

    އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖޭއެސްސީގެ ގާނޫނަށް މިފަހުން ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވާފައިވާ އިސްލާހެއް ކަމަށްވާތީ އެ އިސްލާހަށް އިހްތިރާމް ކުރައްވާ ކަމަށާއި އެ އިސްލާހު ތަންފީޒު ކުރަން ސުޕްރީމު ކޯޓުން އެއްބާރުލުން ވެސް ދޭނެ ކަމަށެވެ.

    ނަމަވެސް ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ އެއްވެސް ކަމެއް ގާނޫނުން ޑީޖޭއޭއާ ހަވާލު ކޮށްފައިނުވާ ކަމަށާއި ގާނޫނު އޮތްގޮތުން ސުޕްރީމް ކޯޓުގެ އެންމެ އިސް ފަރާތަކީ އެމަނިކުފާނު ކަމަށެވެ.

    އެކަމަކު ގާނޫނުގެ އެ އުސޫލާ ހިލާފަށް ޑީޖޭއޭއިން އަންގާ އެންގުންތަކާ ގުޅިގެން ޑރ. ފާއިޒް އެމަނިކުފާނުގެ ހުއްދައެއް ނެތި ސުޕްރީމް ކޯޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވަމުންދާތީ، ކޯޓުގެ އެތެރޭގެ މަސްލަހަތު ގެއްލި، އެމަނިކުފާނުގެ މަސްއޫލިއްޔަތަށް ހުރަސް އެޅެމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ.

    އެގޮތަށް އަމަލު ކުރެއްވުމުން ޑރ. ފާއިޒަށް އުއްތަމަ ފަނޑިޔާރުގެ ހައިސިއްޔަތުން ނަސޭހަތް ދެއްވައި އެފަދަ އަމަލުތައް ދެން އިތުރަށް ތަކުރާރު ނުކުރުމަށް އެންގެވި ކަމަށާއި އަދި އެފަދަ އަމަލެއް ތަކުރާރު ކުރާ ނަމަ، އެހެން މުވައްޒަފުންނަށް ވެސް އޮންނަ އުސޫލުގެ ތެރެއިން ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަސް ނޯންނާނެކަން ދަންނަވާފައިވާނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައި ވިދާޅުވެފައވެއެވެ.

    “އެފަދަ އެންގުމެއް އެންގުމަކީ އަޅުގަނޑު އޭނާ އަށް އިންޒާރު ދިނުން ކަމުގައި ބެލެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމާއި އަދި އެއީ ސުލޫކީ މައްސަލައެއް ކަމުގައި ބަލާނެ އެއްވެސް އަސާސެއް ވެސް ނޯންނާނެ އެވެ. ނަމަވެސް އެއީ އަޅުގަނޑުގެ ދުސްތޫރީ އަދި ގާނޫނީ މަސްއޫލިއްޔަތު އަދާކުރުން ކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ.” އުއްތަމަ ފަނޑިޔާރުގެ ބަޔާނުގައިވެ އެވެ.

    އުއްތަމަ ފަނޑިޔާރުގެ ބަޔާން ނިންމަވާލައްވަމުން ވިދާޅުވީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދުތަކަކީ ވަކި ބައެއްގެ މައްޗަށް ހިންގައިފައި ވަކި މީހެއްގެ މަސްލަހަތާއި ފައިދާއަށްޓަކައި އެއް ފަރާތް ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.