Wed, 3 June, 2020, 6:11 pm
ގާސިމުގެ އެޑްވައިޒަރަކަށް ރިޔާޒު ރަޝީދު، އެމަގާމުން ނާޒިމް އިސްތިއުފާ ދެއްވައިފި
2

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ހަމަޖައްސައިފިއެވެ.

ޖޭޕީން ބުނީ، ރިޔާޒު ރަޝީދު އެ މަގާމަށް ހަމަޖައްސާފައިވަނީ މިއަދު ކަމަށެވެ. ރިޔާޒް ޖޭޕީއާ ގުޅިވަޑައިގަތީ 29 ނޮވެންބަރު 2018 ގައެވެ.  އަދި ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ޖޭޕީގެ ޓިކެޓްގައި ވިލުފުށީ ދާއިރާއަށް ވާދަ ކުރައްވާފައިއެވެ.

ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ރިޔާޒު ހަމަޖެއްސިއިރު، އެ މަގާމުގައި ކުރިން ހުންނެވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އެކަން ބަޔާންކޮށް ގާސިމަށް ނާޒިމް ފޮނުއްވި ސިޓީގައި ވިދާޅުވީ، މިވަގުތު މަސައްކަތް ހުރި ގޮތުން ޖޭޕީގެ މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ހުށައަޅުއްވާ ކަމަށެވެ.

އެ އިސްތިއުފާ ގަބޫލު ކުރެއްވުން އެދި ވަޑައިގަންނަވައި ނާޒިމްގެ ސިޓީގައި ވަނީ، ގާސިމް ބެހެއްޓެވި ގާތްކަމާއި ޖޭޕީން އޭނާއަށް ދިން އެހީތެރިކަން ފާހަގަ ކުރައްވައިފައެވެ.

ނާޒިމަކީ ޖޭޕީގެ ޕީޖީ ގުރޫޕުގެ މެމްބަރެއްގެ އިތުރުން އެ ގުރޫޕުގެ ޑެޕިއުޓީ ލީޑަރެވެ.

ގާސިމްގެ ޕޮލިޓިކަލް އެޑްވައިޒަރަކަށް ރިޔާޒް ހަމަޖެއްސިއިރު، ގާސިމުގެ މިހާރު ވެސް ދެ ބޭފުޅުން ތިއްބަވައެވެ. އެއީ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހުމަދެވެ.

ކުރިން ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ފެންކުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމު ވެސް ކުރިން އެ މަގާމަށް ހަމަޖެއްސިއެވެ.

އޭގެ އިތުރުން ދާދި ފަހުން ގާސިމުގެ ލީގަލް އެޑްވައިޒަރަށް ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) އަދި ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކެލާ ދާއިރާގެ ކުރީގެ މެންބަރު އަލީ އާރިފް ހަމަޖައްސައިފައެވެ.

Leave a comment

Your email address will not be published.