މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މާދަމާ ފަށަން ތާވަލުކޮށްފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ ސެޕްޓެމްބަރު މަހުގައެވެ.

އެ ހަތް ދައުވާގެ ތެރޭގައި ހިމެނެނީ މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތުން ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މި ދައުވާތައް ކުރިމިނަލް ކޯޓުގައި ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ 2:00 ގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން  ބުނީ، އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގަށްފަހު ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި އަދި އެހެން ދެ މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ކުރިން އިއްވިޔަސް، އެ ހުކުމްތައް ފަހުން ވަނީ ބާތިލްކޮށްފައެވެ.

އެކަމަކު އޭގެ ތެރެއިން ހިޔާނާތުގެ މައްސަލާގައި އަދީބަށް އިއްވި އަށް އަހަރުގެ ޖަލު ހުކުމް ބާތިލްކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އަދީބު ފުރުން މަނާކޮށް ސުޕްރީމު ކޯޓުން އަމުރެއް ނެރެފައިވަނިކޮށް އޭނާ ވަނީ ރާއްޖެއިން ފިއްލަވަން މަސައްކަތް ކޮށްފައެވެ.

އެ މައްސަލައާއި ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހު އަދީބަށް ތިން މަހުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©