މުޙައްމަދު އިބްރާހިމް
06 November 2019
މަޤްބޫލު ޙަބަރު

ކ. ގިރިފުށީގައި ސިފައިން ހިންގި ބަޑި ޖެހުމުގެ ތަމްރީނެއްގެ ތެރެއިން ޖެހި ވަޒަނެއް އެރަށް ކައިރިން ދިޔަ ސަފާރީއެއްގައި ހުރި މީހެއްގެ ގަޔަށް އެރި ހާދިސާގެ ތަހުގީގު ނިމެންދެން ބަޑި ޖަހައިގެން ހަދަންޖެހޭ ތަމްރީނުތައް ހުއްޓާލާފައިވާ ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.

މިއަދު ހިނގި އެ ހާދިސާގައި ވަޒަން އަރާފައިވަނީ ގިރިފުށި ކައިރިން ދަތުރުކުރަމުންދިޔަ “އީގަލް ރޭ” ނަމަކަށް ކިޔާ ސަފާރީއެއްގެ ޑެކު މަތީގައި ހުރި 41 އަހަރުގެ ޖަރުމަން ފަތުރުވެރިއެއްގެ ގަޔަށެވެ. ވަޒަން އަރާފައިވަނީ އޭނާގެ ކަރުގެ އެއް އަރިމައްޗަށެވެ. އޭނާއަށް މިހާރު ހުޅުމާލެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އެ ހާދިސާގައި ފަތުރުވެރިޔާގެ ގަޔަށް އަރާފައިވަނީ ތަނެއްގައި ޖެހި ބާރު ކެނޑިފައިވާ ވަޒަނެއް ކަމަށެވެ. އަދި ހާދިސާއަށް އަސްކަރީ ފަސްޓް ރެސްޕޮންޑާސްގެ އެހީގައި ވަގުތުން މާލެ ގެނެވި، މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ބަޔާނުގައިވެއެވެ.

އެމްއެންޑީއެފުން ބުނީ، އޭނާ ހުރި ސަފާރީ ދަތުރުކުރަމުން ދިޔައީ ސްޓޭންޑެޑް ރޭންޖުގައި ކަމަށެވެ.

“އެމްއެންޑީއެފްގެ ހުރިހާ ތަމްރީންތަކެއްގައި ވެސް އާންމުންނާއި ސިފައިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަރަށް އިސްކަންދޭ ކަމެއް… ހާދިސާއާ ގުޅިގެން ވަގުތުން ތަހުގީގު ފަށައި، ތަހުގީގު ނިމެންދެން ގިރިފުށީގައި ބަޑި ޖަހައިގެން ހަދާ ހުރިހާ ތަމްރީނުތަކެއް ވަނީ ހުއްޓާލައިފައި،” އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވަނީ ހިނގި ހާދިސާއަށް މައާފަށް އެދިފައެވެ. އަދި ކުރިއަށް އޮތްތަނުގައި އެފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިހާރަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©