.
07 November 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލަ ބާއްވަން ތާވަލުކޮށްފައި މިވަނީ މި މައްސަލައިގެ ހުކުމްކުރުން މިމަހުގެ 5 ވަނަދުވަހު ބޭއްވުމަށް ތާވަލުކުރުމަށްފަހު އެ މައްސަލަ ބައްލަވާ ގާޒީ ސަސްޕެންޑުކުރުމުން ކެންސްލަކުރުމަށްފަހު އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައި ވަނީ މަނީލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުންނެވެ. އެމަނިކުފާނު ކުރި ކަމަށް ދައުލަތުން ތުހުމަތު ކުރަނީ މަނީ ލޯންޑަރިން ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ 1،2،3 މި ނަމްބަރުތަކުގައި ބުނާ ކުށްތަކެވެ. ދައުލަތުގެ ހުލާސާ ބަޔާނުގައި ބުނެފައި ވަނީ އެ ކުށްތައް އެމަނިކުފާނު ކުރިކަން ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުން ސާބިތުވާ ކަމަށެވެ.

ދައުލަތުންނާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވައި ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޫބަރު ނުވަ ވަނަ ދުވަހު އެވެ.

އެދުވަހުގެ އަޑުއެހުން ނިންމާލަމުން އޭރު މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވަނީ ނޮވެމްބަރު ފަސް ވަނަ ދުވަހު މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންނަމަވެސް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ ހައިލަމް ސަސްޕެންޑްކުރުމާއި ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް މިމަހުގެ 5 ވަނަދުވަހު ބޭއްވުމަށް ކުރިމިނަލް ކޯޓްގައި ބާއްވަން ތާވަލް ކުރި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.

ގާޒީ ހައިލަމް ސަސްޕެންޑު ކުރީ ނަސްރުގެ ދުވަހު އޭނާ ވައިބާ ގްރޫޕެއްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ހައިލަމް ޕޯސްޓު ކުރި ފޮޓޯގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗޭނު އަޅުވާފައި ހުރި ކާޓޫނެއް ކުރަހައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފޮޓޯ ޕޯސްޓު ކުރި އިރު ރައީސް އާއި މަޖިލީހުގެ ރައީސް ފޮޓޯގައި ހުރި ކަމެއް އޭނާއަކަށް ނޭނގެ އެވެ.

އެނގިފައިވާ ގޮތުގައި ހައިލަމް ވަނީ ނަސްރުގެ ދުވަހުގެ ރޭގެ ވަގުތެއްގައި އެ ޕޯސްޓު ވައިބާ ގްރޫޕުން ޑިލީޓު ކުރައްވައިފަ އެވެ. އަދި އެއަށް ފަހު އޭނާ ގްރޫޕުން ވަކިވެވަޑައިގަތެވެ. ސްކްރީންޝޮޓުތައް ދައުރުވެ، މައްސަލަ ހޫނުވީ އޭގެ އަނެއް ދުވަހު އެވެ.

Leave a Reply

Your email address will not be published.

haftha.mv ©