.
07 November 2019
މަޤްބޫލު ޙަބަރު

އެއްވެސް ހާލެއްގައި، ކޯޓު ހިންގުމާއި ހަވާލުވެ ހުންނަވާ އެންމެ އިސް ފަނޑިޔާރުގެ ހައިސިއްޔަތު ކުޑަކޮށް، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރު ކުޑަކުރުމުގެގޮތުން އެއްވެސްކަމެއް ކޮށްކޮށްފައިނުވާކަމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

ޑީޖޭއޭއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާއްމު އިދާރީ ކަންކަން ރާވައި ހިންގުމަކީ އެ ޑިޕާޓްމެންޓަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ކަމެއް ކަމަށާއި އެހެންވެ، ކޯޓުތަކަށް އިސް މުވައްޒަފުން ހަމަޖައްސަނީ ވެސް ފަނޑިޔާރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް، މައްސަލަތައް ނިންމުން އަވަސް ކުރުމުގެ ގޮތުން ކަމަށެވެ. ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމަކީ ޖޭއެސްސީގެ ގާނޫނުން އެ ޑިޕާޓުމަންޓަށް މަތިކޮށްފައިވާ ޒިންމާއެއް ކަމަށް އެ ބަޔާނުގައި ޑީޖޭއޭއިން ބުނެފައިވެއެވެ.

ޑީޖޭއޭއިން ބުނީ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ދައުލަތުން ކުރަމުންދާ ދަނޑިވަޅުގައި ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ތައައްސުބުން އެއްކިބާވެ، މުސްތަގިއްލުކަމާއި މިނިވަންކަމާއެކު އަދާކުރުމަށްޓަކައި އިދާރީގޮތުން ގެނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

“މިކަމަކީ، އެއްވެސް ހާލެއްގައި، ކޯޓު ހިންގުމާއި ހަވާލުވެ ހުންނަވާ އެންމެ އިސް ފަނޑިޔާރުގެ ހައިސިއްޔަތު ކުޑަކޮށް، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ފަނޑިޔާރުންގެ ދައުރު ކުޑަކުރުމުގެގޮތުން ކޮށްފައިވާ ކަމެއް ނޫންކަންފާހަގަކުރަމެވެ. މި ގެނެވުނު ބަދަލަކީ، ކޯޓުތަކުގެ އެފިޝިއެންސީ އިތުރުކޮށް ހަލުވިކުރުމަށްޓަކައި ގާނޫނުން އެކަށައަޅައިފައިވާ ތަރަހައިގެ ތެރޭގައި ގެނެވިފައިވާ ބަދަލެކެވެ،” ޑީޖޭއޭ އިން ބުންޏެވެ.

އެ ޑިޕާޓްމަންޓުގެ އަމާޒަކީ، ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް ފަސޭހަވާނޭ ގޮތަށް ކޯޓުތަކުގެ ހިންގުން ބައްޓަންކުރުމަށްޓަކައި ކޯޓުތަކުގެ އިދާރީ ހިންގުން އެއްގޮތްކޮށް ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުންވެސް ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ހަލުވިކަމާއި ފަސޭހަކަމާއެކު ލިބޭނޭ އިންތިޒާމް ހަމަޖެއްސުން ކަމަށެވެ.

ޑީޖޭއޭއިން މިފަދައިން ބުނެފައި މިވަނީ ކޯޓުތަކުގެ އެތެރޭގެ އިދާރީ ހިންގުމާ ބެހޭ ގޮތުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްޔެ ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވައެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ގާނޫނަށް ބެލުމުން އެ ގާނޫނުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ އާއްމު އިދާރީ މަސައްކަތްތައް ކަން އެނގޭ ކަމަށެވެ. އަދި ކޯޓުތަކުގެ އެތެރޭގެ އިދާރީ ނިޒާމުގެ ކަންކަން އެ ގާނޫނުންވެސް ޑީޖޭއޭއާއި ހަވާލުކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©