Fri, 5 June, 2020, 12:42 am
ޚާއްޞަ އިނާމު މިއަހަރު 39 ބޭފުޅަކަށް
2

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު 39 ބޭފުޅަކަށް ދެއްވުމަށް ޚާއްސަ އިނާމާއި ބެހޭ ކޮމެޓީން ނިންމައިފިއެވެ.

މިއަހަރުގެ ޚާއްސަ އިނާމް ދިނުން އޮންނާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މި ނޮވެންބަރު މަހުގެ 10ވާ އާދީއްތަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ރައީސް އޮފީހުން ބުނީ މިއަހަރު ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރައްވަނީ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 32 ބޭފުޅުން ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ 6 ބޭފުޅުންނާއި ޤައުމީ ކުޅިވަރު ދެ ޓީމެއްވެސް ހިމެނޭ ކަަމަށް ރައީސް އޮފީހުން ބުނެއެވެ.

ސަރުކާރުން ދެއްވާ ބައެއް ޚާއްޞަ މެޑެލްވެސް މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ. އެގޮތުން މެޑެލް ދެއްވާނީ، ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ޙާފިޡު ކަމުގެ ސަނަދު ހާސިލުކުރެއްވި 16 ބޭފުޅަކަށާއި، 2018 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިޙާނާއި، މަތީ ސާނަވީ އިމްތިޙާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި 17 ދަރިވަރުންނަށެވެ.

މީގެއިތުރުން، ދެ ސްކައުޓަކަށް ސަރުކާރުން ދެއްވާ ހަނދާނީ ފިލާ ދެއްވުމާއި، ޕްރެޒިޑެންޓް ސްކައުޓް ބެޖް ހާސިލުކުރި 5 ސްކައުޓުންނަށް ބެޖް ދެއްވުމާއި، ބޭޑަން ޕަވަލް ބެޖް ހާސިލުކުރި 6 ސްކައުޓުންނަށް ބެޖް ދެއްވުންވެސް މި ޖަލްސާގައި އޮންނާނެއެވެ.

Leave a comment

Your email address will not be published.