Fri, 5 June, 2020, 2:12 am
ދިޔާނާ އަށް ވޯޓު ނުދިނީ ޖާބިރު ތެޅޭ ވައްތަރުން : ރޮޒެއިނާ
34

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ރައްޔިތުން މަޖިލީހުގެ މެންބަރުން ފާތުމަތު ދިޔާނާ ސައީދަށް ވޯޓު ނުދެއްވީ ޖާބިރު ތެޅޭ ވައްތަރުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވެފައި މިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރޮޒެއިނާއަށް ލިބުނުކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދިޔާނާގެ ފިރިކަލުން އަބްދުﷲ ޖާބިރު ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އައްޔަން ކުރުމަށް ނެގި ވޯޓުގައި ދިޔާނާ “ކަޓުވާލަން” ރޮޒެއިނާ މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް މަޖިލީހުގެ ސައި ކޮޓަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ދިމާލަށް ޖާބިރު ހަޅޭއްލައްވައި ހަޑިހުތުބަހުން ވާހަކަދައްކާފައިވާކަމަށެވެ. އަދި މަޖިލީހުގެ ތަޅުމުގައި ޖާބިރު ވަގަށް ގޮވުމަކުން ދިޔާނާ މަގާމަށް ނުލެވޭނެ ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

“ދިޔާނާ ކަޓުވާލީ ޖާބިރު. ޖާބިރު އުޅޭ ވައްތަރުން ދިޔާނާއަށް ވޯޓުދޭން މީހުން ބިރުގަތީ،” ރޮޒެއިނާ ވިދާޅުވިއެވެ.

މީގެއިތުރުން ރޮޒެއިނާ ވަނީ އޭނާއަށް ވަގަށް ގޮވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި އަދި އޭނާއާ ގުޅޭ ގޮތުން ތަހުގީގެއް ހިންގޭނެ ޖާގައެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

“އަޅުގަނޑަށް ވަގަށް ގޮވަންޖެހޭ އެއްވެސް ސަބަބެއް ނޯންނަނެ.އަދި އަޅުގަނޑާއި ގުޅޭ ގޮތުން ތަހުގީގެއް ހިންގާނެ ޖާގައެއްވެސް ނޯންނާނެ.” އައްޑޫމީދޫ ދާއިރާގެ ރައްޔިތުންގެމަޖިލީހުގެ މެންބަރ ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާވަނީ މަޖިލީހުގައި “އަލްކަހޯލް ބްރީތް”ޓެސްޓް ހެދޭގޮތަށް ބެހެއްޓުންވަރަށް މުހިންމުކަމަށް ވިދާޅުވެފައެވެ. “އެހެންގައުމުތަކުގައިވެސް ރެންޑަމްޓެސްޓިން ހަދާ. މިތާވެސް އެހިސާބަށް ގޮށްސި.” ރޮޒައިނާ ވިދާޅުވިއެވެ.

އިންތިގާލީ އިންސާފުގެ ބިލަށް ރައްޔިތުންގެ މަޖިލިހުގައި އިއްޔެ ބަހުސް ކުރައްވައި ޖާބިރު ވިދާޅުވީ ރޮޒެއިނާގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށެވެ. އެހެންވެ، މަޖިލިހުން ރައީސާއި ރޮޒެއިނާގެ މައްސަލަ ބަލަން ޖެހޭ ކަމަށެވެ. އަދި ޖާބިރު ވަނީ ރައީސް ސޯލިހާއި ރޮޒައިނާގެ  މައްސަލަ ބަލައިދިނުމަށް އެދި މަޖިލިހުގެ ރައީސަށް ސިޓީއަކުން ހުށަހަޅުއްވައިފަ އެވެ.

Leave a comment

Your email address will not be published.