.
07 November 2019
މަޤްބޫލު ޙަބަރު

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، (އައޯރާ)ގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވެއްޖެއެވެ.

ރާއްޖެއިން އައޯރާ ގައި ރަސްމީކޮށް ބައިވެރިވިކަމުގެ ލިޔުމުގައި ސޮއިކޮށްފައި މިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ރާއްޖެއަކީ އައޯރާގައި ބައިވެރިވި 22ވަނަ ގައުމެވެ.

ޔޫއޭއީއަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ މިނިސްޓަރު ޝާހިދު ވިދާޅުވީ އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއިއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު، އިތުރުވެ ހަރުދަނާ ވެގެންދާނެ ކަމަށެވެ. ޝާހިދުވަނީ، އައޯރާ އުފެއްދުމުގައި ރާއްޖެއިން އަދާކުރައްވާފައިވާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލްގެ ދައުރުގައި އައޯރާ އުފެއްދުމުގައި ރާއްޖެއިން މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި މިއަދު އައޯރާގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން އަލިއަޅުވާލާނީ ސަރަަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޑިއާކަނޑަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް ވަކާލާތުކުރުމަށްކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ރާއްޖެއަކީ މިދާއިރާތަކުން ލީޑަރޝިޕް ރޯލު މިހާރުވެސް އަދާކުރާ ޤައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ، އައޯރާގައި ރާއްޖެއިން ރަސްމީކޮށް ބައިވެރިވުމާއެކު ރާއްޖެއިން މިސަރަހައްދުގައި އަދާކުރާ ދައުރު އިތުރުވެ ހަރުދަނާ ވެގެންދާނެކަމަށެވެ.

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން “އަޔޯރާ”އަކީ އިންޑިއާ ކަނޑާ ގުޅިފައިވާ ގައުމުތަކުގެ ޖަމްއިއްޔާއެކެވެ. އެ ޖަމިއްޔާ އުފެދިފައިވަނީ 1997ވަނަ އަހަރުގެ މާޗްމަހުގައެވެ.

Leave a Reply

Your email address will not be published.

haftha.mv ©