Fri, 5 June, 2020, 12:32 am
ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވަން ސަރުކާރުން މަސައްކަތްކުރި: ހައިލަމް
78

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ. ނަމަވެސް ޔާމީންގެ މައްޗަށް ހުކުމް އިއްވަން ތާވަލުކޮށްފައިވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކުރިއެވެ.

ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހައިފައިވާ ފޮޓޯއަކުން ތަހުނިޔާގެ މެސެޖެއް ފޮނުވި މައްސަލައާ ގުޅިގެންނެވެ.

ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

އެ މަސައްކަތް އެންމެ ބޮޑަށް ކުރެއްވީ ރައީސް ޔާމީނަށް ހުކުމް ކުރަން ހަމަޖެހިފައި އޮތް ދުވަހުގެ ދެތިން ދުވަސް ކުރިން ކަމަށް ވެސް ހައިލަމް ވިދާޅުވެފައިވެއެވެ.

“ސަރުކާރުގެ ވަރަށް އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ،” ހައިލަމްގެ ބަޔާނުގައިވެއެވެ.

ނަމަވެސް ބަޔާނުގައި އެ ނުފޫޒު ފޯރުވި ބޭފުޅުންގެ ނަންތަކެއް ހައިލަމް ވިދާޅުވެފައެއް ނުވެއެވެ.

ހައިލަމްގެ ބަޔާނުގައި ޖޭއެސްސީން މިހާރު ބަލަން ފަށާފައިވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާއާ ދެމެދު މެއި 19، 2019 ގައި ހިނގާދިޔަ ފައިސާގެ މުއާމަލާތް ވެސް ވަނީ ސާފުކޮށްދެއްވައިފައެވެ.

އެގޮތުން އަލްހާން އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށްވުމުގެ މާކުރިން ފެށިގެން ގާތް ރަހުމަތްތެރިއެއްކަން ފާހަގަކޮށް ހައިލަމް ވިދާޅުވީ، އޭނާ މަސައްކަތްކުރަމުން ގޮސްފައިވަނީ ކުރިމިނަލް ކޯޓުގައި ކަމަށްވާއިރު އަލްހާނަކީ އެއްވެސް ކަމެއްގައި އެއްވެސް ހައިސިއްޔަތަކުން ކުރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އަލްހާންގެ މަސްލަހަތެއް އޮތް އެއްވެސް މައްސަލައެއް ބަލާފައެއް ނުވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އޭނާ އާއި އަލްހާންއާ ދެމެދު ހިނގާދިޔަ ފައިސާގެ މުއާމަލާތާ ގުޅިގެން ފުލުހުންގެ އިސްވެރިޔަކު އޭނާއާ ބައްދަލުކޮށް އެކަން ހިނގައިދިޔަ ގޮތާމެދު ސުވާލުކުރި ކަމަށާއި އަދި އެކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު ކިޔައިދީފައިވާނެ ކަމަށް ހައިލަމް ވިދާޅުވިއެވެ.

އެގޮތުން އޭގައި ޖިނާއީ އެއްވެސް ކަމެއް ނުހިމެނޭތީ އެ މައްސަލަ އޭރު ފުލުހުން ނުބަލަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދިން ކަމަށް ހައިލަމްގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.

އަދި ވިދަޅުވީ، އެ ނުފޫޒު އެގޮތަށް ހިނގަމުންދާކަން މިއަދު ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީއަށް ވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ސަސްޕެންޑުވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް އެނގިވަޑައި ގަންނަވާނެ ކަމަށެވެ.

“ފަނޑިޔާރަކު ބަލަމުންދާ މައްސަލައެއްގައި ކުރާނެ ހުކުމް ސަރުކާރުގެ އޮފިޝަލުންނަށް އެނގޭކަށް ނުޖެހޭނެއެވެ. އެއީ ކިތަންމެ މަތީ މަގާމެއްގައިހުރި ފަރާތަކަށް ވިޔަސް މެއެވެ،” ހައިލަމްގެ ބަޔާނުގައިވެއެވެ.

Leave a comment

Your email address will not be published.