މުޙައްމަދު އިބްރާހިމް
07 November 2019
މަޤްބޫލު ޙަބަރު

ގއ. ނިލަންދޫ އާއި އެ އަތޮޅު މާމެންދޫގައި ފެނަކަ ކޯޕަރޭޝަނުން އިމާރާތްކުރާ އާ އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

ދެރަށުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައި ދެ އިންޖީނުގޭގެ ބިންގާ ވެސް އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު އަދި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ އެވެ.

ދެ ރަށުގެ ތެރެއިން ނިލަންދޫގައި އިމާރާތްކުރާ އާ އިންޖީނުގެއަކީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ކިއުވަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެކު ހަވާލުކުރި މަސައްކަތެކެވެ.

މިދިޔަ މަހުގެ އެއްވަނަ ދުވަހު މަސައްކަތް ފެށި އެ އިމާރާތަކީ ހަ މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޭޕްރިލް މަހުގެ 18 ވަނަ ދުވަހުއެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު މަސައްކަތް ހަވާލުކޮށް، އޭގެ ހަ ދުވަސް ފަހުން މަސައްކަތް ފަށާފައިވާ މާމެންދޫގެ އާ އިންޖީނުގެއަކީ ޓިކް ޓެކް އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކާ ހަވާލުކުރި މަސައްކަތެކެވެ.

ޖުމްލަ 5.5 މިލިއަން ރުފިޔާއަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު ނިންމާ ގޮތަށެވެ.

ފެނަކަ އިން ބުނީ، އެ ކުންފުނިން މިހާރު އިމާރާތްކުރާ އިންޖީނުގެތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި ތެޔޮ ރައްކާކުރާ ސްޓޯރޭޖަކާއި ދުންހުޅިއެއް އިންނާނެ ކަމަށެވެ.

މީގެ އިތުރުން އަލަށް އިމާރާތްކުރާ އިންޖީނުގެތަކުގެ އަޑު މަޑުވެ، ދުންހޮޅިން އަރާ ދުން ރައްޔިތުންނަށް ގެއްލުން ނުވާ ވަރަށް މަދުވެގެންދާއިރު، އިންޖީނުގެ ނިމޭއިރު ނެޓްވޯކް އަޕްގުރޭޑް ކުރެވިގެންދާނެ ކަމަށް ވެސް ފެނަކައިން ބުނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©