Sun, 23 February, 2020, 3:27 am
ވެލާނާ އެއާޕޯޓުގައި ކުރަމުންދާ ތަރައްގީގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބައްލަވާލައްވައިފިއެވެ.

އެ މަސައްކަތްތައް ބައްލަވާލެއްވުމަށް ރައީސް ސޯލިހު މިއަދު މެންދުރުފަހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި ވެލާނާ އެއާޕޯޓުގައި ތަރައްގީކުރަމުންދާ ސީ ޕްލޭން ޓާމިނަލްގެ މަސައްކަތާއި ސީޕްލޭން މެއިންޓަނަންސް ރޭމްޕާއި އެއާޕޯޓުގެ އާ ޕަސެންޖަރު ޓާމިނަލާއި އާ އޭޕްރަންއަށް ޒިޔާރަތް ކުރެއްވިއެވެ.

މީގެ އިތުރުން އާ ކާގޯ އޭރިއާއަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތް ވެސް ރައީސް ބައްލަވާލެއްވިއެވެ.

އެއާޕޯޓުގައި މިހާތަނަށް ހިންގާ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއުގައި ހިމެނޭ ޓާމިނަލްގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލުކުރީ ސައުދީ އަރަބިއްޔާގެ އެންމެ ވަރުގަދަ އެއް ކުންފުނި، ބިން ލާދިން ގުރޫޕާއެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ވަކި ހިސާބަކުން ތަފާތު ސަބަބުތަކާ ގުޅިގެން އެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު، މިދިޔަ ޖޫން 27 ވަނަ ދުވަހު އެއްބަސްވުމުގައި އަލުން ސޮއިކޮށް އަމަލީ މަސައްކަތް ވަނީ ފަށައިފައެވެ. މަސައްކަތް ފެށީ އެއްބަސްވުމަށް ބަދަލުތަކެއެް ގެނެސްފައެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ގާތްގަނޑަކަށް 78،000 ސްކުއާ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. އެ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނޭއިރު 10 ސްކީރިން މެޝިނާއި 10 ގޭޓް ހުންނާނެއެވެ.

އޭގެ އިތުރުން ދިވެހި ވަންތަ ސިފަތައް ފެންނާނެ ގޮތަށް ފަރުމާކުރާ އާ ޓާމިނަލުގައި ޓޫރިސްޓު ރިސެޕްޝަންތަކަށް ހާއްސަ ސަރަހައްދަކާއި 19 ރިސޯޓް ލޯންޖާއި 1،800 އަކަމީޓަރުގެ ވީއައިޕީ ލައުންޖެއް ހުންނާނެއެވެ.

އާ ޓާމިނަލްގެ މަޝްރޫއު 2022 ވަނަ އަހަރު ނިންމާލާއިރު 5.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

ވެލާނާ އެއާޕޯޓުގައި ހެދި އާ ރަންވޭއަކީ ދިގުމިނުގައި ގާތްގަނޑަކަށް 3،400 މީޓަރު އަދި ފުޅާ މިނުގައި 65 މީޓަރުގެ ރަންވޭއެކެވެ. ހުރިހާ މަސައްކަތްތައް ނިންމާފައިވާ އެ ރަންވޭގައި ފުރަތަމަ ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހުއެވެ.

މި ރަންވޭއަކީ ދުނިޔޭގައި މިހާރު ބޭނުން ކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށް ވާ އޭ-380 މަރުކާގެ ބޯޓު ޖެއްސޭ ގޮތަށް ތަރައްގީ ކޮށްފައިވާ ރަންވޭއެކެވެ.

އެމްއޭސީއެލްގެ މެނޭޖަރު މުހައްމަދު ސޮލާހު މީގެ ކުރިން ވިދާޅުވީ، އާ ރަންވޭގެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށާއި ބޭނުން ކުރަން ނުފެށިވަނީ އެ ސަރަހައްދުގައި ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.

އެއާޕޯޓުގެ ތަރައްގީގެ ތެރެއިން ދެން އެންމެ ބޮޑު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްދަނީ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތެކެވެ. އެމްއޭސީއެލް އިން 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ) ހޭދަކޮށްގެން ތަރައްގީ ކުރަމުން އަންނަ އެ ޓާމިނަލްގެ 73 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބުނެފައެވެ.

Leave a comment

Your email address will not be published.