މުޙައްމަދު އިބްރާހިމް
07 November 2019
މަޤްބޫލު ޙަބަރު

ރާއްޖެއިން ބޭނުންވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި އެކުއެކީގައި މަސައްކަތް ކުރުމަށް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގެ ކައުންސިލް އޮފް މިނިސްޓާސް 19 ވަނަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، އިންޑިޔާ ކަނޑުގު ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ތެރެއިން ގަވާއިދާ ހިލާފަށް މި ސަރަހައްދުން ކުރާ މަސްވެރިކަމާއި ޓެރެރިޒަމާއި އިންސާނީ ވަގުވިޔަފާރީގެ އިތުރުން ހަތިޔާރު ވިއްކުމަކީ ދިވެހި ސަރުކާރުން ކަންބޮޑުވާ ކަންތައްތަކެވެ.

އެހެންކަމުން ރާއްޖެއިން ބޭނުންވަނީ ސަރަހައްދުގެ ގައުމުތަކާ އެކީގައި މިކަންކަން ގާތުން ބަލައި، މިކަމަށް އެޅިދާނެ ހަރުދަނާ ފިޔަވަޅުތައް ދެނެގަނެ، އެކުއެކީގައި މަސައްކަތް ކުރުމަށް ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ސަރަހައްދުގެ އެއްބައިވަންތަކަން އޮތުމުން ރާއްޖޭގެ ސަރަހައްދު މެދުވެރިކޮށް ކުރަމުން އަންނަ ވިޔަފާރިތައް ފުޅާވެގެންދާނެ ކަމަށެވެ.

އެގޮތުން އަޔޯރާއިން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދުގެ ހިމާޔަތާއި ރައްކާތެރިކަން، ވިޔަފާރިއާއި އިންވެސްޓްމަންޓް، ނޫ އިގުތިސާދު، މަސްވެރިކަން، އިގުތިސާދު ކުރިއެރުމުގައި އަންހެނުން ބާރުވެރިކުރުން ފަދަ ކަންކަމަކީ ރާއްޖެއިން އަހަންމިއްޔަތުކަންދޭ ކަންކަން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަޔޯރާގެ ބައްދަލުވުން ފެށުމުގެ ކުރިން މިނިސްޓަރު ޝާހިދު ވަނީ އެ ޖަމިއްޔާގެ 22 ވަނަ މެމްބަރު ގައުމެއްގެ ގޮތުގައި ގުޅުނު ކަމުގެ ރަސްމީ ލިޔުމުގައި ސޮއިކުރައްވައިފައެވެ.

އެކަމާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އަޔޯރާގެ މެމްބަރު ގައުމަކަށް ވުމަށްޓަކައި ރާއްޖެއިން ހުށަހެޅި ހުށަހެޅުން އަޔޯރާގެ މެންބަރު ގައުމުތަކުން ގަބޫލުކުރެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، ރާއްޖެއިން އަޔޯރާގެ ހިންގުމުގެ ގަވާއިދުތަކާއި މަގުސަދުތަށް ކުރިއެރުވުމަށް މަސައްކަތް ކުރަށްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވައިފައެވެ.

މިއަހަރުގެ އަޔޯރާގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެ ޖަމިއްޔާގެ މެމްބަރު ގައުމަކަށް ރާއްޖެ ވީފަހުން ރާއްޖެއިން އެ ސަމިޓްގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

Leave a Reply

Your email address will not be published.

haftha.mv ©