މުޙައްމަދު އިބްރާހިމް
07 November 2019
މަޤްބޫލު ޙަބަރު

ޖުޑީޝަރީ އިސްލާހުކުރުމުގެ ނަމުގައި ވެރިކަމަށް އައި މީހުން މަސައްކަތް ކުރަމުންދަނީ އެތަން ތަޣައްޔަރުކުރަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީނަށް ދައުލަތުންކުރާ މަނީ ލޯންޑަރިންގެ ދައުވާގައި އެމަނިކުފާނުގެ ލޯޔަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލު މިހެން ވިދާޅުވީ، ރައީސް ޔާމީނަށް ޖަލު ހުކުމެއް ކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށް ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެފައިވާތީއެވެ.

ޑރ. ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައިލަމުގެ ބަޔާނުން ރައީސް ޔާމީންގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވިކަން ސާބިތުވެއްޖެ ކަމަށެވެ. އަދި ގާޒީ ހައިލަމް ސަސްޕެންޑުކުރީ ސުލޫކީ މައްސަލައެއްގައި ނޫން ކަމަށާއި ބޭނުންވާ ގޮތަށް ހުކުމް ނުދީގެން ކަމަށް ވިދާޅުވިއެވެ.

“ޖުޑީޝަރީ އިސްލާހުކުރަން އަައި ފަރާތްތަކުން ހިފާފައި މިވަނީ އެތަން ތަޣައްޔަރުކުރަން،” ޖަމީލުގެ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންގެ ވާޖިބަށް ހުރަސް އަޅަން މަސައްކަތްކުރި ބައެއްގެ މައްޗަށް ފުލުހުން ތަހުގީގު ހިންގަންޖެހޭ ކަމަށެވެ. އަދި މިއަދު ނުބެލުނަސް މާދަމާ މިކަނަކްނަ ބެލޭނެ ދުވަހެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް ހުކުމް އިއްވަން ތާވަލު ކޮށްފައިވަނިކޮށް ޖޭއެސްސީން ސަސްޕެންޑު ކޮށްފައިވާ ހައިލަމް މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ތުހުމަތުކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާގޮތުންނާއި ނުސީދާގޮތުން އޭނާގެ ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށެވެ.

އެ މަސައްކަތް އެންމެ ބޮޑަށް ކުރެއްވީ ރައީސް ޔާމީނަށް ހުކުމް ކުރަން ހަމަޖެހިފައި އޮތް ދުވަހުގެ ދެތިން ދުވަސް ކުރިން ކަމަށް ވެސް ހައިލަމް ވިދާޅުވެފައިވެއެވެ.

“ސަރުކާރުގެ ވަރަށް އިސްމަގާމުތަކުގައި ތިބި ފަރާތްތަކުން އަޅުގަނޑަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަޅުގަނޑު ދަންނަ މީހުން މެދުވެރިކޮށް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޖަލަށްލުމަށް ހުކުމްކުރާނެކަމުގެ ކަށަވަރުކަން ދިނުމަށް އެދިފައިވެއެވެ،” ހައިލަމްގެ ބަޔާނުގައިވެއެވެ.

ނަމަވެސް ބަޔާނުގައި އެ ނުފޫޒު ފޯރުވި ބޭފުޅުންގެ ނަންތަކެއް ހައިލަމް ވިދާޅުވެފައެއް ނުވެއެވެ.

ހައިލަމް އިތުރަށް ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން ފުލުހުން ކުރަން ނުބަލަން ނިންމާފައި އޮތް، އޭނާ އާއި އަލްހާންއާ ދެމެދު ހިނގާދިޔަ ފައިސާގެ މުއާމަލާތުގެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދިން ކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©