މުޙައްމަދު އިބްރާހިމް
08 November 2019
މަޤްބޫލު ޙަބަރު

ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަމަށް އިންސާނާއަށް މަގު ދައްކައިދޭނޭ ތިން ކަމަކަށް ބުއްދިވެރި އިންސާނާ ވަގުތު ހުސްކުރާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ބުއްދީގެ ނިއުމަތް” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، ބުއްދި އަކީ އިންސާނާގެ ފާރަވެރިޔާ ކަމަށާއި އެއީ އޭނާގެ ކަރާމަތާއި އަބުރާއި ޝަރަފުގެ ތަޅުދަނޑި ކަމަށެވެ.

އެގޮތުން ބައެއް ދަންނަބޭކަލުންނާއި ހަކީމުންގެ ކިބައިން، ބުއްދިވެރި އިންސާނާ ތިން ކަމަކަށް ވަގުތު ހުސްކުރާނެ ކަމަށް އައިސްފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެއީ އޭނާގެ އަމިއްލައަށް އޭނާގެ އަމަލުތައް މުރާޖައާކޮށް ނަސްފުގެ ހިސާބު ބެލުމަށް ހޭދަކުރާ ވަގުތާއި އޭނާގެ ވެރި ރަސްކަލާނގެއަށް އިސްތިއުފާރުކޮށް މުނާޖާ ދެންނެވުމަށް ހޭދަކުރާ ވަގުތު އަދި އޭނާގެ ނަފްސުގައި ހުރި އުނި ސިފަތައް ހޯދައި ބެލުމަށް އޭނާގެ އަހުންނާއެކު ހޭދަކުރާ ވަގުތު ކަމަށެވެ.

ހުތުބާގައި ވިދާޅުވީ، މިކަންކަމަކީ ދުނިޔެ އާއި އާހިރަތުގެ ބާއްޖަވެރިކަމަށް އިންސާނާއަށް މަގު ދައްކައިދޭނޭ ކަންކަން ކަމަށެވެ. އަދި ބުއްދިވެރި މުއުމިނަކަށް ވަސްވާސް ދިނުމަށްވުރެ، ސަތޭކަ ޖާހިލުންގެ މަގުފުރެއްދުން ޝައިތާނާއަށް ފަސާހަވެގެންވާ ކަމަށް ވިދާޅުވިއެވެ.

މި ދުނިޔެއަކީ އިންސާނާގެ ވަގުތީ މަންޒިލެއް ކަމަށާއި މިއީ އާހިރަތަށްޓަކައި މަސައްކަތްކުރާން އޮތް ތަންކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، ތިބާއަށް ﷲ ދެއްވި މަތިވެރި ނިއުމަތް ކަމުގައިވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފިކަމުގައިވާނީ އުމުރު ނަގާނުލައި، ކުށްފާފަތަކުން އެއްކިބާވެ، ﷲގެ މަގަށް ރުޖޫއަ ވުމުން ކަމަށެވެ.

އެގޮތުން ﷲގެ ރުހިވޮޑިގަތުމާއި ނިމުމެއް ނުވާ ނިއުމަތްތަކާއި މަތިވެރިވެގެންވާ ސުވަރުގެ ލިބި ގަނެވޭނީ އޭރުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ބުދިއަށް އުނިކަން ލިބޭ ޒާތުގެ ކަންކަމުން ދުރުހެލިވާންޖެހޭކަން އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، ޖުވާ ކުޅުމާއި، ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ހަރާމްތަކެތި ކެއުންފަދަ ކަންކަމަކީ ދެ ދުނިޔޭގައި ވެސް ގެއްލުންހުރި ކަންކަން ކަމަށެވެ.

ބުއްދިވެރި ހެޔޮ ލަފާ މުޖުތަމައުއެއް ބިނާކުރެވޭނީ މުޖުތަމައުގެ އެންމެހައި އަފްރާދުން އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ވާގިވެރިވެގެން ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ހިތާމައަކީ މިއަދު އެފަދަ ކަންކަމާމެދު މުޖުތަމައުގައި އެއް ބަޔަކު ގާފިލުވެފައިވާ ކަން ކަމަށާއި ބޮޑެތި މީހުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ވިސްނުމާއި ފިކުރަށް ނުބައި އަސަރު ފޯރާ ފަދަ އެތައް ކަމެއް މުޖުތަމައުގައި ހިނގަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަން ދެނެގަނެ އެ ކަންކަމުން އެއްކިބާވުމަށް ހުތުބާގައި ވަނީ އިލްތިމާސް ކުރައްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©