މުޙައްމަދު އިބްރާހިމް
09 November 2019
މަޤްބޫލު ޙަބަރު

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް، ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަޔާތްޕުޅުން ނަމޫނާ ލިބިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އީދު މީލާދުގެ މަތިވެރި މުނާސަބަތުގައި ދިވެހި ރައްޔިތުންނަށާއި އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމު އަހުންނާއި އުހުތުންނަށް އީދު މީލާދުގެ ތަހުނިޔާގެ މެސެޖުގައެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ އާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވެވި މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި މުނާސަބާ އަޅުގަނޑުމެން ފާހަގަކުރަނީ، ވަރަށް މަތިވެރި މަގުސަދެއްގައި ކަމަށެވެ.

އެ މަތިވެރި ޒިކުރާއިން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުން ނަމޫނާ ލިބިގަތުން ކަމަށާއި އެހެންކަމުން އިންސާނެއްގެ ކިބައިގައި ހުންނަންވީ، އަޚްލާޤީ އެންމެ ރިވެތި ސިފަތައް، ފެންނަން އޮތީ އެކަލޭގެފާނުގެ ޙަޔާތްޕުޅުން ކަމަށެވެ.

އެހެންކަމުން އިންސާނީ މުޖްތަމައެއްގައި އެންމެ ވަރުގަދައަށް ފަތުރައި ދަމަހައްޓަންވީ މާތް ނަބިއްޔާ، مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ސިފަތައް، ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވީ، އެކަކު އަނެކަކާ ބައްދަލުވާހިނދު، ހިތްހަމަޖެހުމާއި ހިނިތުންވުމާއެކު ބައްދަލުކޮށް ސަލާމްކޮށް އުޅުމަކީ، އެކަލޭގެފާނު މި އުންމަތަށް ދެއްވި އެންމެ އަގުހުރި އިރުޝާދު ކަމަށާއި، އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއި މަޢާފުކުރުމާއި، ބަދަލު ނުހިފުމަކީ، އެކަލޭގެފާނުގެ ސީރަތުން އުންމަތަށް ދޫކުރެއްވި، އިންސާނީ އަޚްލާޤިއްޔާތުގެ އެންމެ ވިދުންގަދަ މުތީ ކަމަށެވެ.

އޭގެ އިތުރުން ކޮންމެ ކަމެއްގައިވެސް ޢަމަލާއި ބަހުން ތެދުވެރިވުމާއި، އަމާނާތްތެރިވުމާއި، ވަފާތެރިވުމަކީ، ނަޒާހަތްތެރިކަމުގައި ރަސޫލާ ދެއްކެވި އެންމެ މަތީ މިންގަނޑު ކަމަށާއި، މުސްކުޅިންނަށް ކަމޭހިތުމާއި، ކުޑަކުދިންނަށް އޯގާތެރިވުމާއި، އަވައްޓެރިންނަށް ހެޔޮ ފޯރުވުމާއި، ފަޤީރުންނާއި މިސްކީނުން އަދި ޔަތީމުންނަށް އެހީތެރިވުމަކީ، އިޖްތިމާޢީ ޢަދާލަތުގެ ތެރެއިން އެކަލޭގެފާނު ދެއްކެވި އެންމެ ރިވެތި ނަމޫނާތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މަތިވެރި ނަބިއްޔާގެ އީދު މީލާދު ފާހަގަކުރާއިރު، އެންމެ ވަރުގަދަ ޢަޒުމަކަށް ހަދަންވީ، ޢާލަމްތަކުގެ ވެރި اللهُ سُبْحَانَهُ وَتَعَالَىގެ ހަޒުރަތުން އެކަލޭގެފާނު ގެނެސްދެއްވި، އެއްކައުވަންތަކަމުގެ އަގީދާގައި، ހިތްތައް ސާބިތު ކުރުންކަން ފާހަގަކުރައްވާ ރައީސް ވަނީ، މުސްލިމުންގެ މެދުގައި އޮންނަންވީ އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން ދަމަހައްޓައި، ދޭދޭ އިންސާނުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ގުޅުން އާލާކޮށް ދެމެހެއްޓުމަށް އިލްތިމާސް ކުރައްވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©