މުޙައްމަދު އިބްރާހިމް
09 November 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުގެ ވަރަށް އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން އެދުނު ކަމަށާއި އަދި އެކަން ކުރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ ހައިލަމް ދެއްކެވި ވާހަކަތައް ގާޒީ ރަޝީދު ދޮގު ކުރައްވައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިލަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލާނެ ކަމުގެ ކަށަވަރުކަން ނުދެވޭނެ ކަމަށް ބުނުމުން އެ މައްސަލަ ބެލޭނެކަމުގެ އިންޒާރުދީ، ސަސްޕެންޑުކުރާނެ ކަމުގެ އިންޒާރު ވެސް ސަރުކާރުގެ އިސް ބައެއް ބޭފުޅުން ދެއްވި ކަމަށެވެ.

އެ ނުފޫޒު ހިނގަމުންދާކަން ގާޒީ އަލީ ރަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ސަސްޕެންޑުވާން ބޭނުންފުޅު ނުވާނަމަ އިތުރު އެހެން ގޮތެއް ނެތްކަން ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ހައިލަމްގެ ބަޔާނުގައި އެ ނުފޫޒު ފޯރުވި ބޭފުޅުންގެ ނަންތައް ނެތުމުން ސަރުކާރުގެ ބައެއް ބޭފުޅުންނާއި އިދިކޮޅުން ވެސް ވަނީ އެ ނަންތައް ހާމަކުރުމަށް ހައިލަމަށް ގޮވާލައިފައެވެ.

ހައިލަމްގެ ވާހަކަތަކާ ގުޅިގެން ރާއްޖެއެމްވީ އަށް ގާޒީ ރަޝީދު ވިދާޅުވީ، ހައިލަމަށް ސަރުކާރުގެ އެއްވެސް ފަރާތަކުން ނުފޫޒެއް ފޯރުވާފައިނުވާ ކަމަށާއި އޭނާ ހައްދަވަނީ އިތުރުފުޅު ކަމަށެވެ.

“އެއީ ހަގީގަތާއި ހިލާފު ވާހަކައެއް. އަޅުގަނޑު ހަވާލުވި ފަހުން އަދި އަޅުގަނޑަށް ވެސް އެއްވެސް ނުފޫޒެއް އައިސްފައި ނުވޭ. އެއް ގޮތަކަށްވެސް ނޭނގެ ކީއްވެގެން ކަމެއް އެހެން ވިދާޅުވީ،” ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިވީހާ ތަނަކަށް އެއްވެސް ފަރާތަކުން އޭނާއަށް ނުފޫޒު ފޯރުވާފައިނުވާ ކަމަށެވެ. އަދި ނުފޫޒު ފޯރުވޭނީ އެ ދޮރު ހުޅުވުމުން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ބައްލަވަނީ ގާޒީ ހައިލަމްއެވެ. ނަމަވެސް ޔާމީންގެ މައްޗަށް ހުކުމް އިއްވަން ތާވަލުކޮށްފައިވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާ ސަސްޕެންޑްކުރިއެވެ.

ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ވާ ޖަހައިފައިވާ ފޮޓޯއަކުން ތަހުނިޔާގެ މެސެޖެއް ފޮނުވި މައްސަލައާ ގުޅިގެންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©