.
10 November 2019
މަޤްބޫލު ޙަބަރު

ބާރު ލިބުމުން މުއައްސަސާތަށް ބޭނުންކުރަނީ ބަދަލު ހިފަން ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ ކުރިމިނަލް ކޯޓުގެ އިސްގާޒީ ހައިލަމް ނަސްރުގެ ދުވަހުގެމުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ނެރެފައިވާބަޔާނަށް ރައްދުދެއްވަމުންނެވެ.

ހައިލަމްގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ހައިލަމް ކުރައްވާފައިވަނީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފް އަމަލެއް ކަމަށެވެ. އަދި އެއީ އެފަދަ އިސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ ކިބައިން ފެނިގެންވާނެ ފަދަ އަމަލެއް ނޫން ކަމަށެވެ.

އަދި ހައިލަމްގެ އެ އަމަލަކީ އެންޓި ޓޯޗާ ގާނޫނުގެ ދަށުން މަނާކަމެއް ކަމަށާ ހައިލަމް ކުރެއްވީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއް ކަމަށް އެ ކޮމެޓީގެ މެންބަރުން އިއްތިފާގުވާ ކަމަށެވެ.

ޑރ ޖަމީލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަކީ އެމްޑީޕީ އާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މިލްކެއް ނޫން ކަމަށެވެ. އަދި ތުހުމަތުތައް ތަހުގީގު ކުރުމުގެ ބަދަލުގައި ގާޒީ އިތުރަށް ކުށްވެެރިކޮށް އަތްބާނަން ކުރާ މަސައްކަތުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒް އޮތް ވަރު ހާމަވާ ކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާ ތަނެވެ. އޭގެ އިތުރަށް ބާޣީ ލުތުފީ އާއި އެހެން ވެސް ބަޣާވާތާ ގުޅޭ މީހުން ކުރެހުމުގައިވެ އެވެ. އެކަމާއި ގުޅިގެން އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©