.
10 November 2019
މަޤްބޫލު ޙަބަރު

ގުޅީފަޅުގައި މީހުން އާބާދު ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީރު މިހެން ވިދާޅުވެފައިމިވަނީ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލާ ބްރިޖް ހެދުމަށް ސަރުކާރުން ނިންމުމުން، މާލެ ސަރަހައްދުގައި އަނެއްކާވެސް އާބާދީ އިތުރުވެ މައްސަލަތަކަށް ހައްލެއް ނާންނާނެކަމަށް ބުނެ ބައެއްމެންބަރުން ބަޖެޓް ކޮމެޓީގައި ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެން ވާހަކަދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގެ ބްރިޖް މަޝްރޫޢާއެކު ގުޅީ ފަޅުގައި ތަރައްޤީކުރާ ވިޔަފާރި ބަނދަރާއި ލާމެހޭނެހެން ދަތުރުފަތުރާއި އެހެނިހެން ކަންކަންވެސް ގުޅުވާލެވޭނެކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުގައި މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްޞަދުގައި ހިންގާ މަޝްރޫޢެއްކަން ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރ ވިދާޅުވީ، މާލެ ސަރަހައްދުގައި މީހުން އިތުރަށް އާބާދު ނުކޮށް މާލެއަށް ހައްލުތަކެއް ގެންނަން ޖެހިފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ތިލަފުށްޓާއި ގުޅީފަޅު ބޭނުންކުރާނީ އިންޑަސްޓްރިއަލް ނުވަތަ ސިނާޢީ މަސައްކަތްތައް ކުރުމަށްކަމަށާއި، އެތަންތަނުގައި މީހުން އާބާދު ކުރުމަކީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ.

“ކުރީ ސަރުކާރާއި ޚިލާފަށް މި ސަރުކާރުގެ ޕޮލިސީއެއް ނޫން އެތަންތަނުގައި މީހުން ޕޮޕިއުލޭޓްކުރުމަކީ. އެއީ އަޅުގަނޑުމެން ގެންގުޅޭ ޕޮލިސީއެއް ނޫން. ތިލަފުށި އަދި ގުޅީފަޅު ވަނީ އިންޑަސްޓްރިއަލް ޒޯންތަކަކަށް.” މިނިސްޓަރ ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި “ގްރޭޓާ މާލެ ކަަނެކްޓިވިޓީ ބްރިޖު” މަޝްރޫޢުއަށް އަބޫދާބީ އިން ލޯނު އެހީގެ ގޮތުގައި 305.40 މިލިއަން ރުފިޔާ އަންނަ އަހަރު ލިބޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©