Sat, 6 June, 2020, 2:42 pm
ތިން ބާރުގެ ވެރިންނަށް ވެސް ގާނޫނު އަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ: ރައީސް
4

ދައުލަތުގެ ތިން ބާރު ކަމަށްވާ ވެރިކަންކުރާ ބާރާއި ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ ވެރިންނަށް ވެސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުތައް ހަދަންވާނީ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރެވޭ ގޮތަށް ކަމަށާއި އަދި ފަނޑިޔާރުގޭގެ މަގްސަދަކަށް ވާންވާނީ އަދުލުވެރިކަމައެކު ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހޯދައިދިނުމަށް ކަމަށެވެ.

މި ދެންނެވި ހުރިހާ ކަމެއްގެ އުސޫލީ ހުރިހާ ހަމަތަކާއި މިންގަނޑުތައް ގާނޫނުއަސާސީގައި ކަޅާއި ހުދުން ލިޔެ އެކުލަވާލެވިފައިވާއިރު، ދިވެހި ދައުލަތުގައި އޮތް ދުސްތޫރީ ސިޔާސަތުގެ ދަށުން ގާނޫނުއަސާސީން ނުދޭ ބާރެއް އެއްވެސް މީހަކަށް ލިބިފައި ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

” ގާނޫނު އަސާސީގެ ފަސްވަނަ މާއްދާގައި ބުނާ ގޮތުން ދިވެހި ދައުލަތުގައި އޮންނާނީ ދުސްތޫރީ ސިޔާދަތެއް. އޭގެ މާނައަކީ ދިވެހި ދިދައިގެ ދަށުގައި އުޅޭ ހަމަ އެކަކަށްވެސް ގާނޫނު އަސާސީން ނުދޭ ބާރެއް ލިބިފައެއް ނޯންނާނެ. އެއީ އަޅުގަނޑު ކަމަށް ވިޔަސް، ނުވަތަ ދައުލަތުގެ އަނެއް ދެ ބާރުގެ ވެރިން ކަމުގައިވިޔަސް ގާނޫނުއަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ. އަދި ގާނޫނުއަސާސީއަށް ބޯލަނބަން ނުޖެހޭ އެއްވެސް ބާރެއް ދިވެހި ދައުލަތުގައި ނޯންނާނެ. މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑު މަސައްކަތް ކުރަމުން މިއަންނަނީ މިދެންނެވި ހަގީގަތް ގަބޫލުކޮށގްގެން ހުރެ ގާނޫނުއަސާސީ ނެގެހެއްޓުމަކީ އަޅުގަނޑުގެ އެންމެ އިސް ވާޖިބުކަމުގައި ދެކިގެން،” ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، މި ސަރުކާރު ދެމި އޮންނާނީ އެއްވެސް ތަފާތު ކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ކަމަށެވެ.

އެގޮތުން މިވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ހުރިހާ ބާރުތަކެއް މާލެއަށް ޖަމާކޮށްފައި އޮތުން ކަމަށާއި އެކަމަށް ނިމުން ގެނައުމަށް ރަށްރަށުގެ ކައުންސިލްތަކަށް ބާރު ދިނުމަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ބަދަލުތަކާއެކު ލާމަރުކަޒީ ނިޒާމަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ވަނީ ސަރުކާރު ހިންގުމުގައި ހިޔާލާއި މަޝްވަރާ ދެއްވާ ކޯލިޝަންގެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރު ޝައިހް އިމްރާނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

Leave a comment

Your email address will not be published.