

އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަލީ އާއި ރައުދާ އާތިފުގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓު އަންނަ ހަފްތާގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި 51 ވަނަ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވީނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް މިނިވަންކަމާއެކު ބަލައިދީ، އާއިލާތަކަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއްވައުދު ކަމަށެވެ.
އެގޮތުން އެފަދަ މައްސަލަތައް ބެލުމަށް އެކުލަވާލި ކޮމިޝަނުން، ޑރ. އަފްރާޝީމް އަލީ އާއި ރައުދާ އާތިފުގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ހަފްތާގެ ބުރާސްފަތު ދުވަހު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާ ރައުދާ އާތިފުގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް، މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެ ދެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކާ، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ދެ ރިޕޯޓްގެ މައުލޫމާތު ވެސް އާންމުކުރާނަން.” ރައީސް ވިދާޅުވިއެވެ.
