މުޙައްމަދު އިބްރާހިމް
11 November 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ ސްކައުޓް ހަރަކާތުގެ ތެރެއިން ޒުވާނުން ހަރަކާތްތެރިވާ ރޯވާ ސްކައުޓުގައި ދެވޭ އެންމެ މަތީ އެވޯޑް، ބާޑެން ޕަވަލް ބެޖު ނުވަތަ އެވޯޑް ފުރަތަމަ ފަހަރަށް އަންހެން ދެ ސްކައުޓަކު ހާސިލުކޮށްފިއެވެ.

އެ ބެޖު ހާސިލްކުރި އަންހެން ދެ ސްކައުޓުންނަކީ ފައިހާ އަބްދުﷲ، އުރަހަ/ މ. މުލައް އަދި ސައާދާ އަހުމަދު، މއ. ބަރަކޫޑާއެވެ.

މި ދެ ސްކައުޓުންނަށް ބޭޑަން ޕަވަލް ބެޖު ހަވާލުކޮށްފައިވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައެވެ. ބެޖު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ރާއްޖޭގެ އަންހެން ސްކައުޓުންގެ ތެރެއިން އެންމެ ފުރަތަމަ ބޭޑަން ޕަވަލް ބެޖު ހާސިލުކުރި ދެ ސްކައުޓުންގެ ތެރެއިން ފައިހާ އަކީ މިހާރު އިމާދުއްދީން ސުކޫލުގެ ސްކައުޓް ލީޑަރުކަމާއި އަދި ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ޔޫތު ކައުންސިލްގެ ޗެއާޕާސަން ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޒުވާނެކެވެ.

ފައިހާ ސްކައުޓް ހަރަކާތާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރުއެވެ. އަދި ރޯޥާ ސްކައުޓް ފައްޓަވާފައިވަނީ 23 ވަނަ މާލޭ ސްކައުޓް ގުރޫޕުގައި 2014 ގައެވެ. މިއަހަރު މެލޭޝިއާގައި ބޭއްވި އިންޓަނޭޝަނަލް ގާލްސް އިން ސްކައުޓިން ގެދަރިންގައި ފައިހާ ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފައެވެ.

ބޭޑަން ޕަވަލް ބެޖު ހާސިލުކުރި ދެވަނަ އަންހެން ސްކައުޓް، ސައާދާ އަކީ މެލޭޝިއާގެ މަހްސާ ޔުނިވާސިޓީން މެޑިކަލް އިމޭޖިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލް ކުރައްވަމުން ގެންދަވާ، ރާއްޖޭގެ ސްކައުޓް ޖަމާއަތުގެ ހެޑްކުއާޓާ ކޮމިޝަނާ ފޮ ޕްރީ ކަބް ސެކްޝަންގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޒުވާނެކެވެ.

ސައާދާ ސްކައުޓް ހަރަކާތާ ގުޅިވަޑައިގަތީ 2008 ވަނަ އަހަރު އަމީނިއްޔާ ސުކޫލުގެ ސްކައުޓް ގުރޫޕުގެ ސްކައުޓެއްގެ ގޮތުގައެވެ. އެއަށްފަހު 2014 ވަނަ އަހަރު ޣިޔާޒުއްދީން ސުކޫލުގެ ސްކައުޓް ގުރޫޕާ ގުޅިވަޑައިގެން، އެ ސުކޫލުގެ ރޯވާ ސްކައުޓެއްގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ.

އޭގެ ފަހުން މިދިޔަ އަހަރު މަޖީދިއްޔާ ސުކޫލުގެ ސްކައުޓް ގުރޫޕާ ގުޅިވަޑައިގެން، އެ ސުކޫލުގެ ރޯވާ ސްކައުޓެއްގެ ގޮތުގައި ބޭޑަން ޕަވަލްގެ ސްކައުޓު އެވޯޑުގެ މަސައްކަތް ނިންމެވިއެވެ.

ސައާދާ އާއި ފައިހާގެ އިތުރުން ރޭގެ ރަސްމިއްޔާތުގައި އިތުރު ހަތަރު ސްކައުޓަކު ވަނީ ބޭޑަން ޕަވަލް ބެޖު ހާސިލް ކުރައްވައިފައެވެ.

އެ ސްކައުޓުންނަކީ:
1. މުހައްމަދު އިއުޖާޒު ޔަޒީދު، ދޮޅަސް/ ހުޅުމާލެ
2. އިޒްހާން އަބްދުﷲ، ގ. އެއްތެޔޮމާގެ
3. އަލީ ތަހްނީކު އަހުމަދު، ހ. ހިރެވެރި
4. އަބްދުﷲ ޔާފިޒު އަހުމަދު، ކޯދު/ ނ. ވެލިދޫ

މި ސްކައުޓުންގެ ތެރެއިން އިއުޖާޒު އަދި ޔާފިޒަކީ 2017 ވަނަ އަހަރު ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ދެވޭ އެންމެ މަތީ މަގާމު، ޕްރެޒިޑެންޓްސް ސްކައުޓް ބެޖް ހާސިލު ކުރައްވާފައިވާ ދެ ސްކައުޓުންނެވެ.

Leave a Reply

Your email address will not be published.

haftha.mv ©