Fri, 5 June, 2020, 12:11 pm
ރައީސްގެ ބެޖު ފުރަތަމަ ފަހަރަށް އަންހެން ދެ ސްކައުޓަކަށް
151

ރާއްޖޭގެ ސްކައުޓް ހަރަކާތުގައި ދޭ އެންމެ މަތީ އެވޯޑު، ޕްރެޒިޑެންޓް ސްކައުޓް ބެޖު ރޭއްޖޭގައި ފުރަތަމަ ފަހަރަށް އަންހެން ދެ ސްކައުޓަކު ހާސިލުކޮށްފިއެވެ.

އެ ޝަރަފު ހާސިލުކުރި ދެ ދަރިވަރުންނަކީ އައިމިނަތު އައިނާ އަލީ، ދަފްތަރު ނަންބަރު 2406 އަދި މަރިޔަމް ބަރްޝާ މުހައްމަދު، ސައީދާ މަންޒިލް/ ށ. ފީވަކެވެ.

މި ދެ ސްކައުޓުންނަށް ޕްރެޒިޑެންޓް ސްކައުޓް ބެޖު ހަވާލުކޮށްދެއްވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޗީފް ސްކައުޓް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ދެ ސްކައުޓުންގެ ތެރެއިން އަރަބިއްޔާ ސުކޫލުގެ ގުރޭޑް 12 ގައި ތައުލީމު ހާސިލު ކުރަމުން އަންނަ ބަރްޝާ އަކީ 2013 ވަނަ އަހަރު ސްކައުޓް ސެކްޝަނާ ގުޅި، 20 ފަންނީ ބެޖާއި ޖޫނިއާ ސްކައުޓް އެޕޮލެޓްސް އަދި ސްކައުޓް ކޯޑުގެ އިތުރުން ސީނިއާ ސްކައުޓް އެޕޮލެޓްސް އަދި ބުޝްމަންސް ތޯންގު ހޯދައިފައެވެ.

އަރަބިއްޔާ ސްކައުޓް ގުރޫޕުގެ ސީނިއާ ޕެޓްރޯލް ލީޑަރުގެ މަގާމުގައި ހުރި ބަރްޝާ އަކީ އެ ސްކައުޓް ގުރޫޕުން އެ ބެޖު ހާސިލުކުރާ ސްކައުޓުންގެ ތެރެއިން އުމުރުން އެންމެ ހަގު އަންހެން ސްކައުޓެވެ.

ޕްރެޒިޑެންޓްސް ސްކައުޓް ބެޖު ހާސިލުކުރި ދެވަނަ އަންހެން ސްކައުޓް، އައިނާއަކީ ވެސް އަރަބިއްޔާ ސުކޫލުގެ ގުރޭޑް 12 ގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރެކެވެ.

މީގެ ތިން އަހަރު ކުރިން ސްކައުޓް ސެކްޝަނާ ގުޅި، އައިނާ ވަނީ 29 ފަންނީ ބެޖެއް ހާސިލުކޮށްފައެވެ. އަދި ޖޫނިއާ ސްކައުޓް އެޕޮލެޓްސް އަދި ސްކައުޓް ކޯޑުގެ އިތުރުން ސީނިއާ ސްކައުޓް އެޕޮލެޓްސް އަދި ބުޝްމަން ތޯންގު ވަނީ ހޯދައިފައެވެ.

އަރަބިއްޔާ ސުކޫލުގެ 2017 ވަނަ އަހަރުގެ ބެސްޓް އޯވަރޯލް ސްކައުޓުގެ މަގާމު ވެސް ހޯދާފައިވާ އައިނާއަކީ އަރަބިއްޔާ ސްކައުޓް ގުރޫޕުގެ ޕެޓްރޯލް ލީޑަރެއްގެ އިތުރުން އެ ސުކޫލުގެ ސީނިއާ ޕްރިފެކްޓެއް އަދި ވައިލެޓް ހައުސްގެ ކެޕްޓަނެވެ.

ރޭގެ ރަސްމިއްޔާތުގައި އިތުރު ތިން ސްކައުޓަކު ވަނީ ޕްރެޒިޑެންޓް ސްކައުޓް ބެޖު ހާސިލުކޮށްފައެވެ. އެ ސްކައުޓުންނަކީ:

1. އިސްމާއިލް ޖައިޝް ޖަލާލު، ބިލަތްމާގެ/ ގދ. ގައްދޫ
2. މުހައްމަދު މުއުއިލް، ބުލްބުލާގެ/ ހއ. ކެލާ
3. މުހައްމަދު އަކްމަލް ނަސީރު، މ. ސަނީކޯސްޓް

މި ތިން ސްކައުޓުންނަކީ ވެސް އަރަބިއްޔާ ސްކައުޓް ގުރޫޕުގެ ތިން ސްކައުޓުންނެވެ.

Leave a comment

Your email address will not be published.