• Sun, 5 July, 2020, 2:49 am

    އުމުރުގެ ދުވަސްތައް ބޭކާރުވުމުން ދެރަވާންޖެހޭނެ، ވަގުތު ބޭކާރުވާ ގޭމްތަކާ ދުރުވޭ: ހުތުބާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އުމުރުގެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކޮށްލުމަކީ ފަހުން އެކަމާ ދެރަވާންޖެހޭނެ ކަމެއް ކަމަށާއި އެހެންކަމުން އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކުން އެއްކިބާވުމަށް މިއަދުގެ ހުުކުރު ހުތުބާގައި ގޮވާލައިފިއެވެ.

    “ﷲ ހަނދުމަކުރުމުން އެއްކިބާކުރާ ކޮންމެ ކަމަކުން ދުރުހެލިވުން” މި މައުޟޫއަށް މިއަދު ދެއްވި ހުކުރު ހުތުބާގައި ވިދާޅުވީ، މުނިފޫހިފިލުވުމުގެ ގޮތުން އިސްލާމީ އުސޫލުތަކާއި އަދަބުތަކާ ހިލާފު ނުވާ ގޮތަށް، ހެދިފައިވާ ގޭމްތައް ކުޅުމަކީ އިސްލާމްދީން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

    އޭގެ އިތުރުން ވަގުތު ބޭކާރު ކުރުމަކާ ނުލައި، ދަރިންގެ އަހުލާގާއި ސުލޫކަށް ހެޔޮ ބަދަލުތައް އަންނަ، އަދި ދަރިންގެ އިލްމީ ފެންވަރު ރަނގަޅުވެ، ވިސްނުން ތަރައްގީވާފަދަ ގޭމްތައް ކުޅުމަށް މައިންބަފައިން ދަރިންނަށް ފުރުސަތު ދިނުމަކީ އެދެވިގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

    ނަމަވެސް އެއާހިލާފަށް ބައެއް އިލެކްޓްރޯނިކް ގޭމްތަކަކީ އިސްލާމީ އަގީދާ ފުނޑުފުނޑުކޮށްލާފަދަ ގޭމްތަކެއްކަން ފާހަގަކުރައްވާ ހުތުބާގައި ވިދާޅުވީ، އެފަދަ ގޭމްތަކުގެ އެންމެ ނުރައްކާތެރި ކަމަކީ އެކުޅޭ މީހަކު އަޅުވެތިކޮށްލުން ކަމަށެވެ.

    އެއީ އެއަށް ދެވި ހިފުމުގެ ސަބަބުން އޭނާގެ އަގުހުރި ވަގުތުތައް ބޭކާރު ކޮށްލައި، ﷲ އޭނާގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟުތައް އަދާކުރުުމުން ދުރުހެލިކުރުވައި އަދި ބައެއް ދަރިވަރުން، ފިލާވަޅު ދަސްކުރަން އޮންނަ ވަގުތު ގޭމު ކުޅެން ހޭދަކުރުމުގެ ސަބަބުން މަދްރަސީ ދައުރު ފުރިހަމަނުވަނީސް ސުކޫލުން ވަކިވާން ޖެހޭކަމީ ހިތާމަހުރި ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

    “މިފަދަ ގޭމުތައް ކުޅުމަކީ ވަޒީފާ އައި އާއިލާ ކަންތައްތަކުގައި ވެސް އިހުމާލުވެވޭ ކަމެކެވެ. އަދި މިއީ ރައްޓެހިންނާ ގުޅުންކެނޑި، މުޖުތަމައުން ތިމާ އެކަހެރިކުރުވާ ކަމެކެވެ. އުމުރުގެ ބަރަކާތް ކެނޑި، ފައިދާއެއް ނެތްގޮތުގައި ވަގުތު ހޭދަވާ ކަމެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަން ހުރި މަގުން އެކަހެރިވެ، ޝައިތާނާގެ މަގުން ދަތުރުކުރަން މަގުފަހިވާ ކަމެކެވެ،” ހުތުބާގައި ވިދާޅުވެފައިވެއެވެ.

    އެގޮތުން އިލެކްޓްރޯނިކް ގޭމްތަކުގެ ތެރޭގައި ހިމެނޭ “ޕަބްޖީ” އާއި “ޖަސްޓު ކޯސް” އާއި “ޕޯކެމޯން ގޯ” އާއި “ފޯޓްނައިޓް” ފަދަ ގޭމްތަކަކީ ޒުވާނުންގެ ދީނީ ވާޖިބު ތަކާއި ދުނިޔަވީ ވާޖިބުތައް އަދާކުރުމަށް ހުރަސް އަޅައި، ވަރަށް ގިނަ ތަފާތު ގެއްލުންތައް ކުރިމަތިކުރުވާ ގޭމްތަކެއް ކަމަށް ވެސް ހުތުބާގައި ވިދާޅުވިއެވެ.

    ހުތުބާގައި އިތުރަށް ވިދާޅުވީ، އިންސާނާއަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ އޭނާގެ އުމުރުގެ ދުވަސްތައް ކަމަށާއި އެ ދުވަސްތައް ބޭކާރު ގޮތުގައި ހޭދަކޮށްލުމަކީ ފަހުން އެކަމާ ދެރަވެ ހިތާމަކުރަންޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، އުމުރުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ވަގުތު ބޭކާރުވެގެންދާ ފަދަ ގޭމްތަކާއި ކުޅިވަރުތަކުން އެއްކިބާވުމަށް ހުތުބާގައި ގޮވާލެއްވިއެވެ.

    އަދި މޯބައިލް ފޯނާއި ކޮމްޕިއުޓަރާއި ޓީވީ ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ކުޅޭ ގޭމްތަކުގެ ތެރެއިން ގިނަ ގޭމްތަކަކީ ޒުވާނުންގެ ވަގުތުތަކާއި އަހުލާގާއި ސިއްހަތާއި ހަށިގަނޑަށް ނުހަނު ގެއްލުން ހުރި ގޭމްތަކެއް ކަމުން އެކަންކަމަކީ މުޖުތަމައުގެ ހުރިހާ ގިންތިއެއް ގައި ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވަ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

    އެގޮތުން މިއީ ގައުމީ މައްސަލައެއްގެ ގޮތުގައި ބަލައި، ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، އެކިއެކި ޖަމިއްޔާތަކާއި ސުކޫލް މަދަރުސާތަކާއި ކަމުގެ މާހިރުން ގުޅިގެން މަސައްކަތް ކޮށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމެއް ކަމަށް ހުތުބާގައި ފާހަގަކުރެއްވިއެވެ.

    ހުތުބާގައި އިތުރަށް ވަނީ، ﷲ ތައާލާ އިންސަނުންނަށް ދެއްވާފައިވާ ސިކުނޑީގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުނިޔޭގެ ވަގުތީ އަރާމާއި އުފަލަށްވުރެ އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށާއި ބޭކާރު ކަންކަމުގައި އަގުނުކުރެވޭފަދަ ވަގުތުތައް ނަގައިލުމުގެ ބަދަލުގައި އެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ގިޔާމަތް ދުވަހު އަރްޝީގެ ހިޔާވަހިކަން ލިބޭ ނަސީބުވެރިންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތް ކުރުމަށް ނަސޭހަތްތެރިވެފައެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.