މުޙައްމަދު އިބްރާހިމް
17 November 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑާ ކުރުމުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް ނިމިފައިވާ ހިސާބުން ކުރިއަށް ގެންދަން ނިންމައި، މިމަހުގެ 28 ވަނަ ދުވަހު ހުކުމް ކުރަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްސަލަ ފުރަތަމަ ބެއްލެވީ ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް އެ މައްސަލާގައި މިމަހުގެ ފަސް ވަނަ ދުވަހު ހުކުމް ކުރަން އޮއްވައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ކުއްލި ގޮތަކަށް ގާޒީ ހައިލަމް ސަސްޕެންޑު ކޮށްފައެވެ.

އެއަށްފަހު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަކަށް ހަމަޖެއްސީ ގާޒީ އަލީ ރަޝީދެވެ. އަދި ޔާމީންގެ މައްސަލަ ބެއްލެވުމަށް ފަސް ގާޒީންގެ ބެއްޗެއް ނެގިއެވެ. އެއީ ރައީސް ޔާމީންގެ ފަރާތްޕުޅުން އެގޮތަށް އެދުމުންނެވެ.

އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި އިސް ގާޒީ އަލީ ރަޝީދު ވަނީ ފަނޑިޔާރު ބަދަލުވާ ހާލަތުގައި އަމަލު ކުރަންޖެހޭ ގޮތްތައް ޖިނާއީ އިޖުރާއަތުގެ 152 ވަނަ މައްދާގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެއީ ނިމިފައި އޮތް ހިސާބުން ފަށައިގެން ކުރިއަށް ގެންދިއުން ނުވަތަ މައްސަލަ އަލުން ބަލަން ނިންމުން ކަމަށެވެ.

ނަމަވެސް އެ ދެގޮތުން ގާޒީންގެ ބެންޗުން ނިންމާފައިވާ ނިންމުން އިއުލާން ކުރުމުގެ ކުރިން ގާޒީ އަލީ ރަޝީދު ވަނީ ދައުލަތާއި ރައީސް ޔާމީންގެ ވަކީލުން އެކަމާ ގުޅިގެން ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ ސުވާލު ކުރައްވައިފައެވެ.

ދައުލަތުގެ ފަރާތުން ބުނީ، އެ މައްސަލައަކީ ގާޒީގެ އިހްތިޔާރުގައި އޮތް ކަމަކަށްވާތީ ދެގޮތުން ކުރެ ކޮންމެ ގޮތަކަށް ގާޒީންގެ ބެންޗުން ނިންމި ނަމަވެސް މައްސަލައިގެން ކުރިއަށްދާން ބޭނުންވާ ކަމަށެވެ. ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން އެދުނީ ގާޒީންގެ ބެންޗެއް އެކުލަވާލުމުން މައްސަލަ އަލުން ފަށައިެން ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް ގާޒީންގެ ބެންޗުން މަޝްވަރާކޮށް ނިންމާފައިވާ ނިންމުން އިއުލާން ކުރައްވަމުން އިސް ގާޒީ އަލީ ރަޝީދު ވިދާޅުވީ، އެ މައްސަލައަކީ ހެކި ބަސް ނެގުމުގެ މަރުހަލާ ވެސް ނިމިފައި އޮތް މައްސަލައެއް ކަމުން، އަލުން ހެކިބަސް ނެގުމަކީ ރަނގަޅު ކަމަކަށް ނުވާނެތީވެ މައްސަލަ ނިމިފައި އޮތް ހިސާބުން ކުރިއަށް ގެންދަން ކަމަށެވެ. އަދި އެއީ ކޯޓުގައި ކަންކުރާ އާންމު އުސޫލު ކަމަށް ވެސް ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދު އިތުރަށް ވަނީ އެ މައްސަލައިގެ ލިޔުންތައް ބަލައި ދިރާސާ ކުރުމަށްފަހު ވަކި ފަރާތަކަށް ނުޖެހި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމަވާނެ ކަމުގެ ޔަގީންކަން ދެ ފަރާތަށް ވެސް އަރުވައިފައެވެ.

އެގޮތުން ގާޒީ އަލީ ރަޝީދު މިއަދުގެ ބައްދަލުވުން ނިންމަވާލެއްވީ މި މަހުގެ 28 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ގައި އެ މައްސަލަ ނިންމުމަށް ހުކުމް ކުރުން އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©