• Fri, 10 July, 2020, 1:31 am

  އަނބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިމުމުގެ ބިންގަލަށް ވެދާނެ: ޑރ. ޝަހީމު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  އަނިޔާވެރި ގޮތަކަށް ގަތުލުކޮށްލި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލާގައި އޭނާއަށް ތުހުމަތުކޮށް އަނބުރުކަތިލައިގެން ތިޔަ އެޅުނީ ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

  ޑރ. ޝަހީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން އޭނާގެ އަބުރު ކަތިލާފައިވުމަކީ ދެވުނު އެންމެ ބޮޑު އަނިޔާ ކަމަށެވެ. އަދި އެއީ ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ.

  “އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެއް އަހަރު ދުވަސް ފާހަގަކުރަން ނުހައްގުން ކަތިލި ކަންބަޅި ބަކަރިއަކީ އަޅުގަނޑުތޯ އެވެ.؟ އަޅުގަނޑުގެ އަބުރުކަތިލައި ތިޔަ އެޅީ ވެރިކަން ނިމުމުގެ ބިންގަލަށް ވެސް ވެދާނެއެވެ. ތިޔަ ދިނީ އެންމެ ބޮޑު އަނިޔާއެވެ،” ޝަހީމުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

  ޝަހީމު މިހެން ވިދާޅުވެފައި މިވަނީ، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމު އަލީ އަވަހާރަ ކޮށްލި މައްސަލައިގެ ތަހުގީގަށް، އިސްލާމިކް މިނިސްޓަރަކަށް އޭރު ހުންނެވި ޑރ. ޝަހީމު ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް އަފްރާޝީމުގެ މަރު ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވާތީއެވެ.

  ޑރ. އަފްރާޝީމު އަލީގެ މަރާ ގުޅޭގޮތުން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓުގެ ހުލާސާއެއް މިއަދުގެ މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، އަފްރާޝީމް އެނބުރި ދީނަށް ރުޖޫއަވެ މީޑިއާގައި އެކަން އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝީމުދެކެ ލޯބިވާނެ ކަމަށް ބުނާ ޓެކްސް މެސެޖެއް، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިވަޑައިގެންފައިވާ ކަމަށް ރިޕޯޓުގައި ބުނާ ކަމަށެވެ.

  ނަމަވެސް އެ މެސެޖު ފޮނުވި ފަރާތް ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވެ ކޮމިޝަނަށް އެ މައުލޫމާތު ސާފުކޮށްދީފައި ނުވާ ކަމަށާއި ޑރ. ޝަހީމު ކޮމިޝަނަށް ދެއްވީ ތެދު މައުލޫމާތު ނޫން ކަމަށް ވެސް ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

  އޭގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހު، އޮކްޓޯބަރު 1، 2012 ގައި އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމްއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

  އަފްރާޝީމުގެ މަރާ ގުޅިގެން މިއަހަރުގެ ޖުލައި މަހު މަރުތައް ބަލާ ކޮމިޝަނަށް ޑރ. ޝަހީމް ފޮނުއްވި ލިޔުމެއްގައި އެދުވަހު އޭނާއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް ވަަޑައިގެންނެވީ ޝަހީމު އެދި ވަޑައިގެން ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި އެ ދުވަހު އެސްއެމްއެސް އިން ބަދަލުކުރި މެސެޖުތަކުން، އެރޭ އަފްރާޝީމް އެރުއްވި ޓީވީ ޕްރޮގްރާމާ ބެހޭގޮތުން އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދަންނަވާފައިވާ ކަމަށް އެނގެން އެބައޮތް ކަމަށް ރިޕޯޓުގައިވެއެވެ.

  އަދި ބުނެފައިވަނީ، އަފްރާޝީމު އަވަހާރަކޮށްލުމުގެ ކުރިން ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަކަށް އެރުމުގެ ވާހަކަ ޝަހީމާއި އަފްރާޝީމުގެ މެދުގައި ދެކެވިފައިވާ ކަމަށާއި އަދި އެރޭ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ވެސް ޝަހީމު ކަމަށް ބުނެފައިވެއެވެ.

  “..ހޯމަ ވިލޭރޭ (އަފްރާޝީމް އަވަހާރަކޮށްލި ރޭ) ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ޑރ.ޝަހީމް ކަމާއި އަދި އެ ޕްރޮގްރާމަށް އަފްރާޝީމް އަރުއްވަން ބޭނުން ފުޅުވީ ކީއްވެގެންކަން ޑރ. ޝަހީމަށް އެނގިވަޑައިގަންނަވާ ކަމާއި އެއީ ކުރިން އަފްރާޝީމް ދެއްކެވި ވާހަކަ ތަކަކާ ގުޅިގެން މައާފަށް އެދުމަށް ނުވަތަ ތައުބާ ވާންކަން އާއްމުކޮށް އިއުލާން ކުރުމަށްކަން ޑރ. ޝަހީމަށް އެނގިވަޑައި ގެންފައިވާކަމާއި އަދި އެރޭގެ ޕްރޮގްރާމަށް އެރޭގޮތަށް ހަމަ ނުޖެހިއްޖެނަމަ އެ ބޭނުމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި ނިއުސް ކޮންފަރެންސެއް ބާއްވައި ދެއްވަން ޝަހީމް ހުށަހަޅުއްވާ ފައިވާކަން ވެސް ދެފަރާތުގެ ދެމެދުގައި ބަދަލު ކުރެވިފައިވާ މެސެޖުތަކުން ސާފުވޭ،” ރިޕޯޓާ ހަވާލާދީ ރައީސް ނަޝީދު ވިދާޅުވިއެވެ.

  އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ، ޑރ. އަފްރާޝީމު އަވަހާރަކޮށްލި ދުވަހު ޑރ. ޝަހީމު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.