• Fri, 10 July, 2020, 2:22 am

    ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓް ސަރުކާރުން އާންމުކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަނިޔާވެރިކަމާއެކު އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވި ފައިނަލް ރިޕޯޓް ސަރުކާރުން އާންމުކޮށްފިއެވެ.

    މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އަފްރާޝީމުގެ މަރު ތަހުގީގުކޮށް ނިންމައި، އެ މަރުގެ ފައިނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ވަނީ ޑރ. އަފްރާޝީމުގެ މަރުގެ ރިޕޯޓް ކަމާބެހޭ މުއައްސަސާތަކަށް ހިއްސާކޮށް، އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

    އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެ ރިޕޯޓް ރައީސް ވަނީ ކަމާބެހޭ މުއައްސަސާތަކަށް ސިއްރު ރިޕޯޓެއްގެ ގޮތުގައި ފޮނުއްވައިފައެވެ.

    ރައީސް އޮފީހުގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓުގައި 121 ޕޭޖު ހިމެނެއެވެ.

    ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގެން، ސިޑިގޮޅި ކައިރީގައި، ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީގެންނެވެ.

    ރިޔާސީ ކޮމިޝަންެ ރިޕޯޓުގައި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، އަފްރާޝީމު އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ދީނީ ޖިހާދު ޖަމާއަތް ހިންގަނީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތެވެ.

    މީގެ ތެރެއިން މަޒީދަކީ ރާއްޖޭގައި މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށިގެން ހަރަކާތްތެރިވާ އަލްގައިދާ ޖަމާއަތުގެ ރާއްޖޭގެ ގޮފި ދެބަޔަކަށް ބެހުނުއިރު ޖަބްހަތުއް ނުސްރާ ޖަމާއަތަށް ވާގިދޭ ބައިގެ އިސްކޮށް އުޅޭ މީހާ ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އެ ކޮމިޝަނުން ބުނާ ގޮތުން، ނުސްރާ އަށް ތާއިދުކުރާ މީހުންނަކީ “ލޭގެ ކަންކަން ހިންގަން” ނުވަތަ މީހުން މެރުމަށް ރާއްޖޭގައި ތިބި މީހުންނެވެ.

    ސާމިތަކީ ވެސް ނުސްރާ އަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ވަގަށް ނަގައިގެން ގޮސް މަރާލާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގުމަށް ފަހު އޭނާގެ ބޯ ބުރިކޮށްލައި ކަނޑުފެތިކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.

    ރިޕޯޓުގައި އިތުރަށް ބުނީ، އަފްރާޝީމު އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް އެވެ. އަދި އަފްރާޝީމު އަވަހާރަ ކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނަކީ އަޒްލީފާއި އަފްރާޝީމު އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދު އަދި އެ މައްސަލައިގައި ދައުވާ ލިބި ކުށް ސާބިތު ނުވިި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)އެވެ.

    އޭގެ އިތުރުން އޭރު 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށާއި އެ ތިން މީހުންގެ އިތުރުން އިތުރު ބަޔަކު ވެސް އެ މަރުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށްފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

    އެގޮތުން އަފްރާޝީމު އަވަހާރަކޮށްލި ރެއަށްފަހު ޖެހިގެން އައި ދުވަހުގެ ހެނދުނު މާލެއިން ގަތަރަށް ދިޔަ ފުލައިޓަކުން ސީރިއާ އަދި ޖިއްދާއަށް އެމީހުން ފުރި ކަމަށްވެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.