.
18 November 2019
މަޤްބޫލު ޙަބަރު

އެސްއެމްއީ ބޭންކު މެދުވެރިކޮށް ރާއްޖޭގެ 90 ރަށަކަށް ލޯނު ދޫކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެސްއެމްއީ ބޭންކަކީ ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒްކޮށްގެން ރާއްޖޭގައި ހުޅުވި ފުރަތަމަ މާލީ އިދާރާއެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އެސްއެމްއީ ބޭންކުން ލޯނު ދޫކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޭގެ ފައިދާ ލިބޭނެފަދަ ގޮތަކަށްކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި އެ ބޭންކުން ލޯނު ލިބިފައިވާ ފަރާތްތައް ތިބިކަން ކަށަވަރު ކުރުމަކީ އެ ބޭންކުގެ އަމާޒެއްކަމަށާއި، މިހާތަނަށް ރާއްޖޭގެ 90 ރަށަކަށް އެ ބޭންކު މެދުވެރިކޮށް ލޯނު ދޫކުރެވިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، އެސްއެމްއީ ބޭންކުން ޚިދުމަތް ދޭންބޭނުންވާ އަވަސްމިނުގައި އަދިވެސް ނުދެވޭކަމަށެވެ. އެސްއެމްއީ ބޭންކުގެ މަސައްކަތް ފެށިއިރުވެސް އެ ބޭންކަށް ލިބުނު ތަރުޙީބު ބޮޑުކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ބޭންކުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްކަމަށެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ކުރިއަށްއޮތް ތަނުގައި ލޯނަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ލޯނު ނުލިބޭ ފަރާތްތަކަށްވެސް މަސްދުވަސްތެރޭ އެކަން އެންގޭނެކަމަށެވެ. އަދި ހުރިހާ މަރުހަލާއެއް ނިންމައި ގިނަވެގެން ތިންމަސްދުވަހުގެ ތެރޭގައި ލޯނުގެ ކަންކަން ހަމަޖައްސައިދިނުމަކީ އެސްއެމްއީ ބޭންކުގެ އަމާޒެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެސްއެމްއީ ބޭންކުގެ ޙިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. މިހާތަނަށް އެސްއެމްއީ ބޭންކަށް 900 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. މި ބޭންކު މެދުވެރިކޮށް މިހާތަނަށް 150 ފަރާތަކަށް ލޯނު ވަނީ ދޫކޮށްފައެވެ. މި ލޯނުތަކުގެ އަދަދު 200 މިލިއަނަށް އަރާކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި އެސްއެމްއީ ބޭންކު މެދުވެރިކޮށް 400 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމަށް ވަނީ ކަނޑައަޅާފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©