Sun, 7 June, 2020, 2:54 pm
ފިރިހެނުންގެ އަގުވަޒަންކޮށް، އެމްޑަބްލިޔުއެސްސީން ފިރިހެނުންގެ ދުވަސް ފާހަގަކޮށްފި
3

އެމްޑަބްލިޔުުއެސްސީގައި މަސައްކަތްކުރާ ފިރިހެނުންގެ އަގުވަޒަންކޮށް، ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.

ކޮންމެ އަހަރެއްގެ ނޮވެމްބަރު 19 އަކީ ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަހެވެ.

އެމްޑަބްލޔުުއެސްސީން ބުނީ، އެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު މަގުސަދަކީ އެކުންފުނީގެ އެކިއެކި މަސައްކަތްތަކުގެ ދާއިރާތަކުން އާންމުކޮށް ފިރިހެނުން މަސްއޫލުވާ މަސައްކަތްތަކަށް އަލިއަލުވާލައި، އެ މަސައްކަތްތަކުގެ މުހިންމުކަން ހާމަކޮށްދިނުމަށް ކަމަށެވެ.

އެގޮތުން ފިރިހެނުންގެ ދުވަސް ފާހަގަކުރުމުގެ އެމްޑަބްލިޔުުއެސްސީގައި މިއަދު ހެނދުނު ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފައެވެ. މި ހަފްލާގައި އެ ކުންފުނީގެ ބޯޑު މެންބަރުންނާއި ކުންފުނީގެ ވެރިން އަދި ކުންފުނީގެ މުވައްޒަފުން ބައިވެރިވިއެވެ.

އޭގެ އިތުރުން އެމްޑަބްލިޔުއެސްސީގެ ފިރިހެން މުވައްޒަފުންގެ ހިދުމަތް ފާހަގަކޮށް އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ ފިރިހެން މުވައްޒަފުންނަށް ހެލްތު ޗެކްއަޕެއް ހެދުމުގެ ޕްރޮގްރާމެއް ހިންގިއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، މިއަދު ފާހަގަކުރެވޭ ބައިނަލްއަގްވާމީ ފިރިހެނުންގެ ދުވަސް ފާހަގަކުރެވިގެންދަނީ އާއިލާތަކާއި އަދި މުޖުތަމައުއަށާއި ދުނިޔެއަށް ފިރިހެނުން ގެނެސްދޭ ކުރިއެރުމާއި ހެޔޮ ބަދަލުތައް ފާހަގަކުރުމާއެކު އޭގެ އަގުވަޒަންކޮށް އަދި ފިރިހެނުންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކަމަށެވެ.

އެމްޑަބްލިޔުއެސްސީއަކީ ފިރިހެން މުވައްޒަފުންގެ ބޮޑު އާބާދީއެއް އޮތް ކުންފުންޏެއް ކަމުން، ކުންފުނިން ފޯރުކޮށްދެމުންދާ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ފަރުދާގެ ފަހަތުގައި ކުރެވެމުންދާ ގިނަގުނަ މަސައްކަތްތަކުގައި އެކި ފަންތީގެ ފިރިހެނުން ކުރަމުންދާ މަސައްކަތްތައް އެމްޑީ ފާހަގަކުރެއްވިއެވެ.

އެގޮތުން ފެނާއި ނަރުދަމާ، އިންޖިނިއަރިން، މީޓަރު ރީޑިން، މެނިފެކްޗަރިން، ސެކުއިރިޓީ އަދި ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ފަދަ ދާއިާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ތަކަކީ ވަރަށް މުހިންމު އަދި އަގުވަޒަންކުރަންޖެހޭ ފަދަ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މަސައްކަތްތަކަކީ އޭގެ ޒާތުގައި މަސްއޫލިއްޔަތު ބޮޑު، ބުރަ އަދި ގިނަ ވަގުތު ހޭދަކުރަންޖެހޭ އަދި އޮންކލުގައި އަބަދުވެސް ތިބެންޖެހޭ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

ފިރިހެނުންގެ ދުވަހާ ގުޅިގެން އެމްޑަބްލިޔުއެސްސީން ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިގެން މަސައްކަތުގެ މާހައުލުގެ ތަފާތު ފޮޓޯ ހުށަހެޅުމުގެ މުބާާރާތެއް ވެސް ކުރިއަސް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

އެމްޑަބްލިއުއެސްސީން ބުނީ، މިއީ އެ ކުންފުނީގެ މަސައްކަތުގެ މައިދާނުގެ ތަފާތު ދާއިރާތަކާއި އެ މަސައްކަތްތަކުގެ މުހިންމުކަން މުވައްޒަފުންނާއި ރައްޔިތުންނަށް ދައްކައިދިނުމަށް ހިންގާ ހަރަކާތެކެވެ.

Leave a comment

Your email address will not be published.