މުޙައްމަދު އިބްރާހިމް
19 November 2019
މަޤްބޫލު ޙަބަރު

އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) އާއެކު ހަނގުރާމަ ކުރަމުންދިޔަ ކަމަށް ބެލެވޭ ރާއްޖެއަށް ނިސްބަތްވާ ބަޔަކު އަމާން ދިނުމުން، އެމީހުން އަފްގާނިސްތާނުގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ކަމަށް އެގައުމުގެ ސަރުކާރާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އަފްގާނިސްތާނުގެ އަސްކަރިއްޔާއިން މިދިޔަ ހޮނިހިރު ދުވަހު ނެރުނު ބަޔާނަކާ ހަވާލާދީ ޝިންހުއާ ނިއުސް އެޖެންސީގައި ރިޕޯޓްކޮށްފައިވަނީ، އަފްގާނިސްތާނުގެ އިރުމަތީގައި އޮންނަ ނަންގަރްހަރުން އައިއެސްއަށް ވަފާތެރި އަދި އެ ޖަމާއަތުގެ މެންބަރުންގެ ގޮތުގައި އުޅުނު 241 މީހަކު އަފްގާނިސްތާނުގެ އިދާރާތަކާ އަމިއްލައަށް ހަވާލުވެފައިވާ ކަމަށެވެ.

ތިން ދުވަހުގެ ތެރޭގައި އަފްގާނިސްތާނުގެ ކަމާބެހޭ އިދާރާތަކަށް އަމިއްލައަށް ހަވާލުވި އެ މީހުންގެ ތެރޭގައި 71 ފިރިހެނުންނާއި 63 އަންހެނުންގެ އިތުރުން 107 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެގައުމުގެ އަސްކަރިއްޔާގެ ބަޔާނާ ހަވާލާދީ ޝިންހުއާ ނޫހުގައި ރިޕޯޓް ކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހައްޔަރުކުރި ހަނގުރާމަވެރިން އެމީހުން ގެންގުޅުނު ހަތިޔާރުތައް ވެސް އަފްގާނިސްތާނުގެ އަސްކަރިއްޔާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަފްގާނިސްތާނުގެ ސަރުކާރާ ހަވާލާދީ ރޮއިޓާސްގައި ބުނެފައިވަނީ، ވޭތުވެދިޔަ ހަފްތާއެއްގެ ތެރޭގައި އައިއެސްއާއެކު ހަނގުރާމަކުރި 600 އަށްވުރެ ގިނަ ހަނގުރާމަވެރިން އެމީހުންގެ އާއިލާއާއެކު ވަނީ އަމާން ދީފައެވެ.

އަމާން ދިނުމުން ހައްޔަރުކޮށްފައި ތިބި މީހުންގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނާއި ޕާކިސްތާން، ތަޖިކިސްތާން، އުޒްބެކިސްތާން، އީރާން، އަޒަރްބައިޖާ އަދި ކަޒިކިސްތާންގެ ރައްޔިތުން ހިމެނެއެވެ. ނަމަވެސް އެގައުމުތަކުން ހައްޔަރުކޮށްފައިވަނީ ކިތައް މީހުން ކަމެއް ބުނެފައެއް ނުވެއެވެ.

އަފްގާނިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި، އެމީހުން އަމާން ދިނުމަށް މަޖުބޫރުވީ އަފްގާނިސްތާނާއި ކޯލިޝަންގެ އަސްކަރިއްޔާތަކުން ދިން ވައިގެ ހަމަލާތަކުން އަގީދާ ފައިސާ ހުސްވެ، އިތުބާރު ގެއްލިގެންނެވެ.

އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީ ވެސް ނަންގަރްހާރު ޕްރޮވިންސްގެ މައި ސިޓީ، ޖަލަލަބާދުގައި ވާހަކަފުޅު ދައްކަވަމުން އައިއެސް ނެތިކޮށްލާފައިވާކަން މިއަދު އިއުލާން ކުރައްވައިފައެވެ. އަދި އައިއެސްގެ ހަނގުރާމަވެރިން އަމާންދިނުމުން އެމީހުންނާމެދު އިންސާނިއްޔަތުކަމާއެކު އަމަލު ކުރުމަށް އަފްގާނިސްތާނުގެ ކަމާގުޅޭ އިދާރާތަކަށް ގާނީ ގޮވާލެއްވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©