މުޙައްމަދު އިބްރާހިމް
20 November 2019
މަޤްބޫލު ޙަބަރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ވެފައިވަނީ ގާނޫނުއަސާސީ އާއި ހިލާފަށް ބޭއްވުނު ރިޔާސީ އިންތިހާބަކުން ކަމަށް ބުނެ އަވަސް އިންތިހާބަކަށް ގޮވާލައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރާއްޖޭގައި ބޭއްވެ ކޮންމެ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ވާދަކުރެވޭ ގޮތުގެ މަތިން ބޭއްވޭ މިނިވަން އިންތިހާބަކަށް ވާންޖެހޭއިރު މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ގާނޫނު އަސާސީއާ ހިލާފު އިންތިހާބެއް ކަމަށެވެ.

އެހެންކަމުން ހުރިހާ ސިޔާސީ ޕާޓީތަކުގެ އެންމެހާ ލީޑަރުންނަށް ވާދަ ކުރެވޭނެ ގޮތުގެމަތިން އަލުން މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުން މިހާރަށް ފެށުމަށް އެ ގަރާރުގައި ގޮވާލައިފައިވެއެވެ.

“އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމުކޮށް މިއިއްޒަތްތެރި މަޖިލީހުން ގަރާރެއް ފާސްކުރުމަށް ބާރުއެޅުމުގެ ގޮތުން މި ގަރާރު ހުށަހެޅީމެވެ،” ޖާބިރުގެ ގަރާރުގައި ބުނެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެއްގެ މަގާމުގައި ކުރިން ހުންނެވި ޖާބިރު ވަނީ މިފަހަކަށް އައިސް މި ސަރުކާރަށާއި ރައީސް ސޯލިހަށް ފާޑުވިދާޅުވެފައެވެ.

އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައި ޖާބިރު ގަރާރެއް ހުށަހެޅުއްވިއިރު، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގަރާރެއް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©