މުޙައްމަދު އިބްރާހިމް
20 November 2019
މަޤްބޫލު ޙަބަރު

ހުވަދޫގެ އެންމެ އާބާދީ ބޮޑު ރަށް، ގދ. ތިނަދޫ އާއި ކާޑެއްދޫ އެއާޕޯޓު ބުރިޖަކުން ގުޅާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގެންފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ވިދާޅުވެއްޖެއެވެ.

ސަނީފު މިހެން ވިދާޅުވީ، އޭނާ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ އަދި މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން ރައީސް ސޯލިހާއެކު ރޭ މުލިއާގޭގައި ބައްދަލު ކުރެއްވި ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައެވެ.

ސަނީފު ވިދާޅުވީ، ރައީސް ސޯލިހާއެކު ބޭއްވުނު ބައްދަލުވުމުގައި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށް ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވީތީ ޝުކުރު އަދާކުރައްވާ ކަމަށެވެ.

މެންބަރު މުޣުނީއާ ހަވާލާދީ ހުވަދޫ އަތޮޅުގެ ހަބަރުތައް ގެނެސްދޭ “ހުވަދޫ” ނޫހުން ބުނީ، ތިނަދޫ އާއި ކާޑެއްދޫ ބުރިޖަކުން ގުޅާލުމަށް ރައީސް ވައުދުވެ ވަޑައިގެންފައިވާތީ އުފާ ކުރައްވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އިގްތިސާދީ ގޮތުން އަތޮޅަށާއި ތިނަދޫއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކާޑެއްދޫ އެއާޕޯޓާއި ތިނަދޫއާ ދެމެދު 3.7 ކިލޯމީޓަރު ހުންނައިރު ދެ ރަށުގެ ދެމެދުގައި ކާފެނާ އަދި މާގޮނޑިރެހާ ނަމަކަށް ކިޔާ ދެ ފަޅު ރަށާއި ދެ ކަނޑުއޮޅި ވެސް އޮވެއެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، އެ އެއާޕޯޓުން ކުރިން ހިންގަމުން އައީ ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ކުންފުނި ވިލާ އިންނެވެ.

ވިލާއަށް ކާޑެއްދޫ އެއާޕޯޓު ދިނީ ނޮވެމްބަރު 2013 ގައި 50 އަހަރަށެވެ. ނަމަވެސް އޭރު ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ކޯލިޝަނުން ވަކިވެ، އިދިކޮޅު އެމްޑީޕީއާއެކު ގާސިމް މަސައްކަތް ކުރައްވަން ފެއްޓެވުމުން އެއާޕޯޓް އަތުލަން ނިންމިއެވެ.

ވިލާ އިން އެ ފަހަރު ކޯޓަށް ދިއުމުން އެ ނޯޓިހަށް އަމަލުކުރުން ފަސްކުރަން ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް، ސަރުކާރުންވަނީ ސެޕްޓެމްބަރު 2014ގައި ކާޑެއްދޫ އެއާޕޯޓް އަލުން ވިލާއަށް ދީފައެވެ. ނަމަވެސް 2017 ވަނަ އަހަރު އެ އެއާޕޯޓަށް ސަރުކާރަށް ނަގައި، ރީޖަނަލް އެއާޕޯޓާ ހަވާލުކުރިއެވެ.

ކާޑެއްދޫ އެއާޕޯޓް ތަރައްގީ ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއިރު، މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޔާމީން ވެސް އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©