މުޙައްމަދު އިބްރާހިމް
20 November 2019
މަޤްބޫލު ޙަބަރު

ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ތަބީއީ ގާބިލުކަން ފާހަގަކޮށް އެ ގާބިލުކަން ކުރިއަރުވައި ފުރިހަމަ ކުރަން މަސައްކަތް ކޮށްދެއްވުމަށް ހުރިހާ މުދައްރިސުންގެ އަރިހުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިލްތިމާސް ކުރައްވައިފައެވެ.

ކުޅިވަރުގެ ރޮނގުން ރަން ވަނަ ހާސިލު ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށް ގައުމީ ފެންވަރުގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ “ކަލާސް އެވޯޑް” ދިނުމަށް ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެކި މާމަލުގެ ސިފަ ތަފާތުވާ ފަދައިން ކޮންމެ ދަރިވަރަކީ ވެސް ތަފާތު ނަފުސެއް ކަމަށާއި އެކި ކުދިން ތަބީއީ ގޮތުން މޮޅުވަނީ އެކި ކަންކަމަށް ކަމަށެވެ.

އެހެންކަމުން އެކުއްޖެއްގެ ގައިގައި ނެތް ތަބީއީ ގާބިލުކަމެއް އުފައްދަން އުޅެފިނަމަ އެކުރެވެނީ ބޭކާރު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އަޅުގަނޑުމެން މަސައްކަތް ކުރަންވީ ކޮންމެ ގަހެއްގައި އޭގެ ތަބީއީ މަގު އެދެވޭގޮތުގައި ފަރިކުރުވާން. ކޮންމެ ކުއްޖެއްގެ ކިބައިގައި ހުންނަ ތަބީއީ ގާބިލްކަން ފާހަގަކޮށް އެ ގާބިލްކަން ކުރިއަރުވައި ފުރިހަމަ ކުރާން. ނޫންނަމަ، އަޅުގަނޑުމެންގެ ބަގީޗާގައި އަޅާ މާތައް ގުރުޑުވާތަން ނޫނީ ނުފެންނާނެ،” މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ، މިއީ ކިޔެވުމަށް ދޭ ސަމާލުކަން ކުޑަކުރަންޖެހޭ ވާހަކައެއް ނޫން ކަމަށެވެ.  ނަމަވެސް ކިޔެވުމުގެ އިތުރަށް މުޅި އުމުރުގައި ކަސްރަތާއި ކުޅިވަރު ކުޅެ، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަސައްކަތް ކުރަންވާނެ ކަމަށް ވިދާޅުވިއެވެ.

އެކަށީގެންވާ ކުޅިވަރަކީ ގައުމީ ތަރައްގީއަށް ވަރަށް މުހިއްމު ހަރަކާތެއްކަން ފާހަގަކުރައްވާ މިނިސްޓަރު އިތުރަށް ވިދާޅުވީ، ކަމެއް ދިރިއުޅުމުގެ އާދައަކަށް ހެދޭނީ، އެކަމެއް ޅަފަތުގައި ފަރިތަކޮށްގެން ކަމަށާއި އެގޮތުން ފިކުރީ ގޮތުން ދުޅަހެޔޮވިޔަސް، ހަމަ ކޮންމެ ކުއްޖެއް ސިއްހީ ގޮތުން ވެސް ދޮޅަހިވާން ވާނެ ކަމަށެވެ.

އެގޮތުން ކުޅިވަރަކީ މުޅި ހަޔާތުގެ ހުރިހާ ދުވަސްވަރަކުކުރާ ކަމަކަށް ވާންވާނެ ކަމަށާއި އެއީ ހަށިގަނޑަށް ދޭންޖެހޭ ހައްގެއް އަދި ދިރިއުޅުމުގެ އާދައަކަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

“ކުޅިވަރު ނުކުޅޭ ނަމަ، ހަރަކާތްތެރި ދިރިއުޅުމެއް ނޫޅޭނަމަ، މީހުންނަށް ތަފާތު ބަލިތައް ޖެހުން އަވަސްވޭ. މަސައްކަތަށް، ވަޒީފާއަށް ސަލާން ބުނުން ގިނަވޭ. މިކަމުގެ ސަބަބުން، މަސައްކަތް ކުރަން ދަތިވެ އުފެއްދުންތެރިކަން ދަށްވޭ.  އާސަންދަ ފަދަ ތަންތަނުން ކުރަންޖެހޭ ހަރަދުތައް ބޮޑުވޭ. ނަތީޖާއެއްގެ ގޮތުން ގައުމުގެ ތަރައްގީގެ ދުވެލި މަޑުވޭ،” މިނިސްޓަރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©