

ރައީސް މައުމޫން އަބްދުލްގައްޔޫމް އިސް ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީން މިއަދު ކުރި ޓުވީޓެއްގައި ބުނީ، އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްދޭން ނިންމާފައިވާ ކަމަށާއި ރަޖިސްޓްރީ ކޮށްދިން ކަމުގެ ސެޓްފިކެޓް ހަވާލުކުރުން އަންނަ ހޯމަ ދުވަހު އޮންނާނެ ކަމަށެވެ.
އެމްއާރުއެމް އުފައްދަން ބާއްވަންޖެހޭ ޖަލްސާ މި މަހުގެ އަށް ވަނަ ދުވަހު މާލޭގެ ދަރުބާރުގޭގައި ބޭއްވިއިރު، އެ ޖަލްސާ ބޭއްވީ ގާނޫނީ އަދަދު ހަމަނުކޮށް ކަމަށް ތުހުމަތުކުރިއެވެ. ނަމަވެސް އީސީން ވަނީ އެކަން ދޮގު ކޮށްފައެވެ.
އެ ޖަލްސާގައި އެމްއާރުއެމްގެ އިންތިގާލީ ރައީސަކަށް ރައީސް މައުމޫން ވަނީ އިންތިހާބު ކޮށްފައެވެ. އަދި އެމްއާރުއެމް ވަގުތީ ގޮތުން ހިންގާނެ އިންތިގާލީ އެގްޒެކެޓިވް ކޮމިޓީ ކައުންސިލެއް ވެސް ވަނީ އިންތިހާބުކޮށްފައެވެ. އެއީ 10 އަންހެން މެމްބަރުންނާއެކު 20 މީހުން ހިމެނޭ ކޮމިޓީއެކެވެ.
އެމްއާރުއެމްއަކީ ރައީސް މައުމޫނު އިސްވެ ހުންނަވައިގެން އުފައްދަވާ ތިން ވަނަ ސިޔާސީ ޕާޓީއެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަދި މިހާރު މައި އިދިކޮޅު ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމ)ް އުފައްދަވައިފައެވެ.
ނަމަވެސް ޕާޓީގެ އެތެރޭގެ މައްސަލަތަކުގެ ތެރެއިން މި ދެޕާޓި އިންވެސް އެމަނިކުފާނު ވަނީ ވަކިވެވަޑައިގެންފައެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމުން ޕީޕީއެމް އަނބުރާ ހޯއްދެވުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ.
ނަމަވެސް ޕީޕީއެމްގެ ރައީސް ކަމަށް ޔާމީން އިންތިހާބު ކުރި އެ ޕާޓީގެ ކޮންގްރަސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުން މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި އެމަނިކުފާނު ހިންގަމުންދިޔަ ހަރަކާތް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނިންމިއެވެ.
