މުޙައްމަދު އިބްރާހިމް
20 November 2019
މަޤްބޫލު ޙަބަރު

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާއަށް އެއްވެސް ފިޔަވަޅެއް އެޅިތޯ ސާފު ކުރުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މަހުލޫފް މަޖިލީހަށް ހާޒިރު ކޮށްދޭން އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވީ، ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލާފައިވާ މައްސަލައިގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ އަނިޔާވެރި އަމަލު ހިންގުމައި ސަލަފް ޖަމިއްޔާގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭއިރު އެ ޖަމިއްޔާއާ މެދު އެއްވެސް ފިޔަވަޅެއް އަޅައިފިތޯ އާއި އަދި އެޅީ ކޮން ފިޔަވަޅެއްތޯ ސާފު ކުރަން ބޭނުންވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ވަޒީރަކާ ސުވާލު ކުރުމަށް 14 ދުވަހުގެ ނޯޓިހެއް ފޮނުވަންޖެހެއެވެ. ނަމަވެސް އެ މުއްދަތުގެ ކުރިން ވަޒީރު ޖަވާބުދާރީވާން ތައްޔާރަށް ހުންނެވި ނަމަ މަޖިލީހަށް ސިޓީއަކުން އެކަން ހުށަހެޅުމުން މަޖިލީހުގެ ރައީސަށް އެމައްސަލަ ތާވަލުކުރެވޭނެއެވެ.

މަރުތައް ތަހުގީގުކުރާ ކޮމިޝަނުން އަފްރާޝީމުގެ މަރު ތަހުގީގުކޮށް ނިންމައި، އެ މަރުގެ ފައިނަލް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މިމަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި ސަރުކާރުން މިހާރު ވަނީ އެ ރިޕޯޓް އާންމުކޮށްފައެވެ.

ރިޔާސީ ކޮމިޝަން ރިޕޯޓުގައި ކޮމިޝަނަށް ލިބިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، އަފްރާޝީމު އަވަހާރަކޮށްލަން ބަޔަކާ ހަވާލުކުރީ ދީނީ ޖިހާދު ޖަމާއަތް ހިންގަނީ ދަފްތަރު ނަމްބަރު 471 މުހައްމަދު މަޒީދު އާއި ތ.އޮމަދޫ އަތިރީގޭ ސާމިތެވެ.

މީގެ ތެރެއިން މަޒީދަކީ ރާއްޖޭގައި މީގެ އަށް ވަރަކަށް އަހަރު ކުރިން ފެށިގެން ހަރަކާތްތެރިވާ އަލްގައިދާ ޖަމާއަތުގެ ރާއްޖޭގެ ގޮފި ދެބަޔަކަށް ބެހުނުއިރު ޖަބްހަތުއް ނުސްރާ ޖަމާއަތަށް ވާގިދޭ ބައިގެ އިސްކޮށް އުޅޭ މީހާ ކަމަށް މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އެ ކޮމިޝަނުން ބުނާ ގޮތުން، ނުސްރާ އަށް ތާއިދުކުރާ މީހުންނަކީ “ލޭގެ ކަންކަން ހިންގަން” ނުވަތަ މީހުން މެރުމަށް ރާއްޖޭގައި ތިބި މީހުންނެވެ.

ސާމިތަކީ ވެސް ނުސްރާ އަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ ވަގަށް ނަގައިގެން ގޮސް މަރާލާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދު ވަގަށް ނެގުމަށް ފަހު އޭނާގެ ބޯ ބުރިކޮށްލައި ކަނޑުފެތިކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.

ރިޕޯޓުގައި އިތުރަށް ބުނީ، އަފްރާޝީމު އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް އެވެ. އަދި އަފްރާޝީމު އަވަހާރަ ކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނަކީ އަޒްލީފާއި އަފްރާޝީމު އަވަހާރަކޮށްލި މައްސަލައިގައި ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވާފައިވާ ހ. ލޮބީ ހުސެއިން ހުމާމް އަހުމަދު އަދި އެ މައްސަލައިގައި ދައުވާ ލިބި ކުށް ސާބިތު ނުވިި ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ)އެވެ.

އޭގެ އިތުރުން އޭރު 18 އަހަރުން ދަށުގެ ކުޑަ ކުއްޖާގެ ބައިވެރިވުން ވަރަށް ބޮޑަށް އޮތް ކަމަށާއި އެ ތިން މީހުންގެ އިތުރުން އިތުރު ބަޔަކު ވެސް އެ މަރުގައި ބައިވެރިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ މީހުން އަފްރާޝީމް އަވަހަރާކޮށްލި ހާދިސާ އަށްފަހު، ރާއްޖެ އިން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިވެފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©