Sun, 7 June, 2020, 2:34 pm
ފިޔަވަތި މަރާމާތުކޮށް ތަނަވަސް ކުރުމަށް އިންޑިއާގެ އެހީ
2

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށް އިންޑިއާ ސަރުކާރުން 1.9 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.

މިއީ ރާއްޖޭގެ އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 6.9 މިލިއަން ޑޮލަރު (106 މިލިއަން ދިވެހި ރުފިޔާ)ގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ފޮރިން މިނިސްޓްރީން ބުނީ، ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ހިންގާ މި މަޝްރޫއުގެ ތެރޭގައި ފިޔަވަތި އިމާރާތުގެ ސެކިއުރިޓީ ތަރައްގީ ކުރުމާއި އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރުން ހިމެނޭ ކަމަށެވެ.

ރާއްޖޭގެ އިޖްތިމާއީ-އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ އިން ހިލޭ އެހީ ދިނުމަށް އެއްބަސްވީ މިއަހަރުގެ މާޗް މަހުގެ 17 އިން 18 އަށް އިންޑިއާގެ ކުރީގެ ހާރިޖީ ވަޒީރު ސުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އެހީގެ ދަށުން ދާދި ފަހުން ވެސް އިންޑިއާ ސަރުކާރުން ވަނީ މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1.5 މިލިއަން ރުފިޔާ ދީފައެވެ.

އޭގެ އިތުރުން އެ ލޯނު އެހީ އިން މިހާތަނަށް 94.5 މިލިއަން ރުފިޔާގެ ވަނީ އެކި މަޝްރޫއުތަކަށް ކަނޑައަޅައިފައެވެ. އެގޮތުން ފައިސާ ކަނޑައެޅި ބައެއް ކަންތައްތަކުގެ ތެރޭގައި:

* މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އުޅަނދުފަހަރު ގަތުމަށް 8 މިލިއަން ރުފިޔާ

* މާލޭ ސިޓީ ކައުންސިލަށް މެޝިނަރީ އާއި ވެހިކަލް ގަތުމަށް 8 މިލިއަން ރުފިޔާ

* ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރެއް އެޅުމަށް 5 މިލިއަން ރުފިޔާ

* ދެ ރަށެއްގައި އައިސް ޕުލާންޓް އެޅުމަށް 8 މިލިއަން ރުފިޔާ

* ބ. ފެހެންދޫ ދަރިވަރުން ސުކޫލަށް ދިއުމަށް ފެރީއެއް ހޯދުމަށް 1.5 މިލިއަން ރުފިޔާ

* އައްޑޫ ސިޓީ ހުޅުދޫގައި ޑުރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހަބިލިޓޭޝަން ސެންޓަރެއް އެޅުމަށް 6 މިލިއަން ރުފިޔާ

* އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 8 މިލިއަން ރުފިޔާ

* 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިޔާ

* 61 ރަށެއްގައި އައުޓްޑޯ ފިޓްނަސް އިކުއިޕްމަންޓް ގަތުމަށް 8 މިލިއަން ރުފިޔާ

* ނ. ނޮޅީ އަދި ރ. ކިނޮޅަހުގައި ކުލާސްރޫމް އެޅުމަށް 12 މިލިއަން ރުފިޔާ

* ހއ. އިހަވަންދޫގައި 7.5 މިލިއަން ރުފިޔާ

* އއ. އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް 7.8 މިލިއަން ރުފިޔާ

* ދ. ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިން ސުކޫލަށް 7 މިލިއަން ރުފިޔާ

Leave a comment

Your email address will not be published.