

ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ޓޫރިސްޓަކު ޑައިވިންއަށް ގޮސް މައްޗަށް އެރިފަހުން މަރުވެއްޖެއެވެ.
ފުލުހުން ބުނީ، މިއަދު މެންދުރުފަހު 3:25 ހާއިރު ހުށަހެޅި އެ ހާދިސާގައި މަރުވެފައިވަނީ އއ. ސަފާރީ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޖަރުމަނުގެ ފިރިހެން ޓޫރިސްޓެއް ކަމަށެވެ.
މިއަދު ޑައިވިނަށް ދިޔަ އެމިހާ އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.
ޑައިވިންއަށް ދިޔަ ޓޫރިސްޓަކު މިއަދު މަރުވިއިރު، މި ހަފްތާގެ އާދީއްތަ ދުވަހު ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީއަށް އައިސް އުޅުނު އިނގިރޭސިވިލާތުގެ 69 އަހަރުގެ އަންހެން ޓޫރިސްޓަކު ގެނބިގެން ވަނީ މަރުވެފައެވެ. އަދި މިދިޔަ ހަފްތާގައި ހިނގި ދެ ހާދިސާއެއްގައި ވެސް ދެ ޓޫރިސްޓަކު ވަނީ މަރުވެފައެވެ.
އެއީ ކުޑަހުވަދޫ ކަނޑުއޮޅިއަށް ޑިންގީއެއް ބަނޑުން ޖަހާލުމުން ހިނގި ހާދިސާގައި މަރުވި ސްވިޑެން ފިރިހެނަކާއި ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް މަރުވި ޗައިނާ ފިރިހެނެކެވެ.
