

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވެސް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން އެގޮތަށް ނިންމީ ނައިބު ރައީސް މަސްތޫރު ހުސްނީ ރިޔާސަތު ބެލެހެއްޓެވި އެ ކޮމިޝަންގެ މިއަދުގެ ބައްދަލުވުމުގައެވެ.
ބައްދަލުވުމުގައި ނިންމެވި ކަންތައް ހާމަކޮށް ޖޭއެސްސީން ނެރުނު ނޫސް ބަޔާނުގައި ބުނީ، ޣަނީއާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އޭނާ ކޮށްފި ކަމަށް ތަހުގީގު ކޮމިޓީއަށް ފެންނާތީ، ކޮމިޓީއަށް ސާބިތުވެފައިވާ ކަންތައްތަކަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާ އަމަލުތަކެއް ކަމަށްވުމުން، ފަނޑިޔާރުކަމުގެ މަގާމުން ޣަނީ ވަކިކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އޭނާއާ ބެހޭގޮތުން އެ ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތަށް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ފަނޑިޔާރު ޣަނީ 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކުރަން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
ފަނޑިޔާރު ޣަނީ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން މިއަދު ނިންމިއިރު، ރައްޔިތުންގެ މަޖިލީހުން ދާދި ފަހުން ވަނީ އެކޮމިޝަނުން ހުށަހަޅައިގެން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައެވެ.
