Sun, 7 June, 2020, 1:51 pm
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
3

ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރެއްގެ މަގާމު ހުސްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ނިންމުމާއި ގުޅިގެންނެވެ.

އޭގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފު އިއްޔެ ވަނީ ރިޓަޔާ ކުރައްވައިފައެވެ.

ފަނޑިޔާރުންގެ ގާނޫނުގެ 17 ވަނަ މާއްދާ (ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަންކުރުން)ގެ (ށ)ގައި ބުނެފައިވަނީ، ސުޕްރީމް ކޯޓަށް ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެކަމަށް އެދި ޖޭއެސްސީއަށް ހުށަހެޅުމަށް އެ ކޮމިޝަނުން ދައުވަތު ދޭންވާނެ ކަމަށެވެ.

އަދި އެ ފުރުސަތުގައި، ރައީސުލްޖުމްހޫރިއްޔާއަށް ވެސް އޭނާ ހުށަހަޅަން ބޭނުންވާ ނަންތަކެއް މި މާއްދާގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ކޮމިޝަނުން ރިއާޔަތްކޮށްދިނުން އެދި ކޮމިޝަނަށް ހުށަހެޅިދާނެ ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސުޕްރީމްކޯޓުގެ ތިން ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލައްވަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ޖޭއެސްސީގެ އިއުލާނުގައި ބުނެފައިވާ ގޮތުން، ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާ ފަރާތަކީ އުމުރުން ތިރީސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެއެވެ. އަދި ފަނޑިޔާރުކަމުގެ ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގެ ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.

ތައުލީމީ ޝަރުތެއް ކަމުގައި އިއުލާނުގައި ބުނެފައިވަނީ، އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން އަދި އެ ސެޓްފިކެޓަކީ ރާއްޖޭގެ ކަމާބެހޭ ފަރާތަކުން އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓަކަށް ވުމެވެ.

Leave a comment

Your email address will not be published.