

ވަގުތު ނޫހުގައި ޝާއިއު ކޮށްފައިވާ އާޓިކަލެއްގެ ކޮމެންޓް ސެކްޝަނަށް މަރުގެ އިންޒާރުދީ ކޮށްފައިވާ ކޮމެންޓަކާ ގުޅިގެން، އެ ކޮމެންޓުކުރި އައިޕީ އެޑްރެސް ފުލުހުންނަށް ހާމަކުރުމަށް އެ ނޫހުގައ މައްޗަށް ކޯޓުން އަމުރެއް ނެރެފިއެވެ.
ވަގުތުގައި ބުނެފައިވާ ގޮތުގައި ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ “ސަލަފް ޖަމާއަތުން ޓެރަރިޒަމަށް ހިތްވަރުދޭ، އެ ޖަމާއަތާ މެދު ގޮތެއް ނިންމާނެ: ނަޝީދު” މި ސުރުހީގައި އިއްޔެ ޝާއިއުކޮށްފައިވާ ހަބަރަކަށް ކޮމެންޓްކުރި މީހެއްގެ އައިޕީ އެޑްރެހައި އެއާ ބެހޭ އެންމެހާ މައުލޫމާތު ފުލުހުންނަށް ދިނުމަށެވެ.
ފުލުހުން ބުނީ، މީހަކަށް މަރުގެ އިންޒާރު ދީ ކޮމެންޓްކުރި މައްސަލައަކާއި ގުޅިގެން އެ ކޮމެންޓްގެ އައިޕީ އެޑްރެހާއި މައުލޫމާތު ހޯދަން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ވަގުތު ނޫހުގައި އެދިފައިވާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން، އެ ކޮމެންޓު ކޮށްފައިވަނީ “ލައިސާ” ނަމަކަށް ކިޔާ ނަމެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެނަމުގައި ކޮށްފައިވާ ކޮމެންޓުގައި ބުނެފައިވަނީ، “ރައީސް ނަޝީދާއި، ރައީސް ނަޝީދުގެ ބައިވެރިންގެ ލޭ އޮހިރުވާލާނެ” ކަމަށް ބުނެފައެވެ.
އެގޮތުން ކޯޓު އަމުރު ލިބޭތާ 48 ގަޑިއިރު ތެރޭގައި، އޭގައި ބުނާ މައުލޫމާތު ދިނުމަށް ކޯޓު އަމުރުގައި އަމުރުކޮށްފައިވެއެވެ. މިއީ މިފަދަ ކޯޓު އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. އަމުރު ނެރެފައި ވަނީ “ވަގުތު” ނޫހުގެ މައްޗަށެވެ.
