މުޙައްމަދު އިބްރާހިމް
21 November 2019
މަޤްބޫލު ޙަބަރު

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމު އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގަށް، ދޮގު މައުލޫމާތު ދިން ކަމަށް ބަލައި އަފްރާޝީމު އަވަހާރަކޮށްލިއިރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދަށް ގާނޫނީ ފިޔަވަޅު އަޅަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.

އަފްރާޝީމު އަލީގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ތައްޔާރުކުރި ތަހުގީގީ ރިޕޯޓް ދިރާސާކޮށް ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، ޑރ. އަފްރާޝީމުގެ މަރާ ގުޅޭގޮތުން ހިންގާފައިވާ އެކިއެކި ކަންކަމުގެ މައުލޫމާތު އެކި ގޮތްގޮތުން އެކި މިންވަރަށް ޑރ. ޝަހީމާއެކު 36 ފަރާތަކަށް ލިބިފައިވާކަން ރިޕޯޓުގައި ފާހަގަކުރެވޭ ކަމަށެވެ.

އޭގެ ތެރޭގައި ޑރ. އަފްރާޝީމު މަރާލުމުގެ ސީދާ އަމަލު ހިންގުމުގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކާއި އެ ޖަރީމާ ހިންގުމަށް ރޭވި ރޭވުމުގެ މައުލޫމާތު ލިބި، އެ މައުލޫމާތު ހިއްސާކުރަންޖެހޭ ވަގުތުގައި ހިއްސާ ނުކޮށް ތިބި ފަރާތްތަކާއި އެ މައުލޫމާތު ގަސްދުގައި ސިއްރުކުރި ފަރާތްތައް ހިމެނެއެވެ.

އެހެންކަމުން ކޮމިޓީގެ ރިކޮމެންޑޭޝަންގެ ހަތްވަނަ މާއްދާގައި ބުނެފައިވަނީ، އަފްރާޝީމު އަލީ މަރާލުމުގެ ޖަރީމާއާ ގުޅޭ އެކިއެކި ކަންކަން އެކި މިންވަރަށް އެނގިތިބި ސިއްރުކުރި ފަރާތްތަކާމެދު ލަސްނުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ޓީވީ މޯލްޑިވްސްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށްފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގެން، ސިޑިގޮޅި ކައިރީގައި، ކަތިވަޅި އަކުން ބޮލާއި ގައިގެ އެކި ތަންތަނަށް ހަމަލާދީގެންނެވެ.

އަފްރާޝީމުގެ މަރާ ގުޅޭގޮތުން މަރު ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، އަފްރާޝީމް އެނބުރި ދީނަށް ރުޖޫއަވެ މީޑިއާގައި އެކަން އިއުލާންކޮށްފިނަމަ އެ މެސެޖު ފޮނުވި ބަޔަކު އަފްރާޝީމުދެކެ ލޯބިވާނެ ކަމަށް ބުނާ ޓެކްސް މެސެޖެއް، އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން ޑރ. ޝަހީމަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނަމަވެސް އެ މެސެޖު ފޮނުވި ފަރާތް ހަނދުމަފުޅު ނެތް ކަމަށް ވިދާޅުވެ ކޮމިޝަނަށް އެ މައުލޫމާތު ސާފުކޮށްދީފައި ނުވާ ކަމަށާއި ރިޕޯޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އަފްރާޝީމް އަވަހާރަކޮށްލި ދުވަހު، އޮކްޓޯބަރު 1، 2012 ގައި އޭރު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝަހީމްއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވި ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އަފްރާޝީމުގެ މަރާ ގުޅިގެން މިއަހަރުގެ ޖުލައި މަހު މަރުތައް ބަލާ ކޮމިޝަނަށް ޑރ. ޝަހީމް ފޮނުއްވި ލިޔުމެއްގައި އެދުވަހު އޭނާއާ ބައްދަލު ކުރެއްވުމަށް އަފްރާޝީމް ވަަޑައިގެންނެވީ ޝަހީމު އެދި ވަޑައިގެން ނޫން ކަމަށް ވިދާޅުވެފައިވާ ކަމަށާއި ނަމަވެސް ދެ ބޭފުޅުންގެ ދެމެދުގައި އެ ދުވަހު އެސްއެމްއެސް އިން ބަދަލުކުރި މެސެޖުތަކުން، އެރޭ އަފްރާޝީމް އެރުއްވި ޓީވީ ޕްރޮގްރާމާ ބެހޭގޮތުން އެ ދުވަހުގެ މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދަންނަވާފައިވާ ކަމަށް އެނގެން އެބައޮތް ކަމަށް ރިޕޯޓުގައިވެއެވެ.

އަދި ބުނެފައިވަނީ، އަފްރާޝީމު އަވަހާރަކޮށްލުމުގެ ކުރިން ޓީވީ މޯލްޑިވްސްގެ ޕްރޮގްރާމަކަށް އެރުމުގެ ވާހަކަ ޝަހީމާއި އަފްރާޝީމުގެ މެދުގައި ދެކެވިފައިވާ ކަމަށާއި އަދި އެރޭ ޕްރޮގްރާމަށް އެރުމަށް ހުށަހެޅުއްވީ ވެސް ޝަހީމު ކަމަށް ބުނެފައިވެއެވެ.

އޭގެ އިތުރުން ޑރ. އަފްރާޝީމު އަވަހާރަކޮށްލި ދުވަހު ޑރ. ޝަހީމު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©