މުޙައްމަދު އިބްރާހިމް
22 November 2019
މަޤްބޫލު ޙަބަރު

ކަނޑުމަތީގައި ހިނގި މާރާމާރީއެއްގައި ވަޅި ހަރައި ޒަހަމްކޮށްލުމަށްފަހު، ކަނޑަށް އެއްލާލި މީހާގެ ހާލު ސީރިއަސް ވެގެން އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ، ވަރަށް ބޮޑަށް ޒަހަމް ކޮށްފައި އޮތް އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށް އއ. މާޅޮހުގެ ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 3:00 އެހާކަންހާއިރު ކަމަށެވެ.

އޭނާގެ ހާލު ސީރިއަސް ވެގެން މާލެ ގެނައީ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 9:00 އެހާކަންހާއިރުއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި ފުލުހުން ބުނީ، އެ ހާދިސާ ހިނގާފައިވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި ކަމަށެވެ. އެގޮތުން އޭނާގެ ގައިގައި ވަޅި އެޅުމަށްފަހު ކަނޑަށް އެއްލާލާފައިވާ ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒަހަމްކޮށްލާފައި އެއްލާލި މީހާ މާޅޮހަށް އެރީ ފަތާފައި އަމިއްލައަށެވެ.

ފުލުހުން މިހާރު ދަނީ އެ މައްސަލައާ ގުޅުންހުރި ފަރާތްތަކާ ސުވާލުކޮށް މައްސަލަ ތަހުގީގު ކުރަމުންނެވެ. އެހެންކަމުން މާރާމާރީއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©