Sun, 26 January, 2020, 11:16 am
ދިވެހިންނަށް އަލުން އަނބުރާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނެތް: ނަޝީދު

ދިވެހި އިސްލާމްދީނުގެ މަތީގައި ތިބޭތާ އަށް ސަތޭކަ އަހަރަށްވުރެ ގިނަ އަހަރު ވެއްޖެ ކަމަށާއި އެހެންކަމުން ދިވެހިންނަށް އަލުން އަނބުރާ އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ލ.ގަމު ތުނޑީއަވަށުގައި ހެދި އެމްޑީޕީ ހަރުގޭގައި ދިދަ ނެގުމަށް މިއަދު ހަވީރު ބޭއްވި ހަފްލާގައި ރައީސް ނަޝީދު ވިދާޅުވީ، ދިވެހިން އުއްމީދުކުރާ ތަރައްގީ އާއި ހަމަޖެހޭ ދިރިއުޅުން ހޯދަން ބޭނުންވާނަމަ ރާއްޖޭގައި އާންމު މަސްލަހަތު ހިފަހައްޓަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ހަނގުރާމައަށް ފޮނުވާ އަދި ޓެރަރިސްޓް ޖަމާއަތްތައް ހިންގަމުން އަންނައިރު، އެ ޖަމާއަތްތައް ހިންގާ ގޮތް ސާފުވެފައިވާ ކަމަށާއި އެގޮތުން އެޖަމާއަތްތަކުގައި ފުރަތަމަ ތިބެނީ ދައުވަތުދޭ މީހުން ކަމަށެވެ. އަދި އެމީހުން ދައުވަތު އެދެނީ ހަނގުރާމައަށް ކަމަށާއި އެކަން ޑރ. އަފްރާޝީމުގެ މަރުގެ ތަހުގީގު ރިޕޯޓުން ސާފުކޮށް ކިޔައިދޭ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އިސްލާމްދީނުގެ މަތީގައި ދިވެހިން އުޅެމުން އަންނަތާ 800 އަހަރަށްވުރެ ގިނަ އަހަރުވެފައިވާއިރު އެހެން މީހަކު އައިސް އަނެއްކާ ވެސް އިސްލާމްދީނަށް ދައުވަތު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެން ދިވެހިރާއްޖެއަކީ ސަތޭކައިން ސަތޭކަ އިސްލާމީ ގައުމެއް. މިތަނުގައި އައިސް އަޅުގަނޑަށް އިސްލާމްދީނަށް އަނެއްކާ އިސްލާމްދީނަށް އަޅުގަނޑަށް އަލުން އަނބުރާ ދައުވަތުދޭން ޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އަޅުގަނޑުމެން އިސްލާމް ދީނުގެ މަތީގަިއ ތިބޭތާ 800 އަހަރަށްވުރެ ގިނަ އަހަރަށްވުރެ ގިނަ އަހަރުވެއްޖެ،” ރަައީސް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ އޭނާއަކީ ގ. ކެނެރީގެ އަބްދުއްސައްތާރުގެ ދަރި މުހައްމަދު ނަޝީދު ކަމަށާއި އަދި ހ. ހެންވޭރު ކަޅުބޭ އަބްދުއްލަތީފްގެ ދަރިއެއް އައިސް އެމަނިކުފާނަށް އިސްލާމްދީނަށް ދައުވަތުދޭން ޖެހޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަަމަށެވެ.

ރައީސް ނަޝީދު އެ ފާހަގަކުރެއްވި ކަޅުބޭ އަބްދުއްލަތީފަކީ ޝައިހް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފުގެ ބައްބާފުޅެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިން ސޯލިހު ގޮތުގައި އިސްލާމްދީނުގައި އުޅޭނަމަ ރާއްޖެ ދާނީ ބިނާވަމުން ކަމަށެވެ. އަދި ރާއްޖެ ހަރާބުގެ މަގަށް ނުގެންދިއުމަށާއި ސަލާމަތުގެ އައްސޭރި އެބަ އޮތްކަން ވިސްނެވުމަށް ރައްޔިތުންނަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

Leave a comment

Your email address will not be published.