މުޙައްމަދު އިބްރާހިމް
23 November 2019
މަޤްބޫލު ޙަބަރު

ދިވެހި ސިފައިންނަކީ ސިޔާސީ ކަންކަމުން ދުރުގައި ތިބި ޕްރޮފެޝަނަލް ފޯސްއެއް ކަމަށް ދިވެހި ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ގިރިފުށި ޓްރޭނިން ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ސިފައިންގެ 65 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން، ސިފައިންގެ ވައުޖަކީ ފައިޓިން ފިޓް ފޯސްއަކަށް ހައްދަވައި، ވެލްފެއާގެ ކަންކަން ރަނގަޅު ކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

އެގޮތުން ސިފައިންގެ ޕްރޮފެޝަނަލް ކޭޕަބިލިޓީ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރައީސް އެގޮތަށް ވިދާޅުވި ނަމަވެސް ސިފައިންގެ ލީޑާޝިޕުން އެކަންކަމަށް އެއްބާރުލުން ނުދެއްވާނަމަ އެކަންކަން ތަންފީޒެއް ނުކުރެވޭނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ސިޔާސަތެއް އިއުލާން ކުރުމުން އެއީ ސިފައިންގެ ގައުމީ ވާޖިބުކަމަށް ދެކިގެން ސިފައިންގެ ލީޑާޝިޕާއި ހުރިހާ ރޭންކެއްގެ ބޭފުޅުން ދެއްވި އެއްބާރުލުމުގެ ތެރެއިން މިއަދު ސިފައިންނަކީ ސިޔާސީ ކަންކަމުން ދުރުގައި ތިބި ޕްރޮފެޝަނަލް ފޯސްއެއް ކަމަށް ދިވެހި ރައްޔިތުން ބަލައިގެންފައިވާ ކަމަށެވެ.

“މިއަދު މި ފެންނަނީ ރައްޔިތުން ސިފައިންނަކީ ޕްރޮފެޝަނަލް ފޯސް އެއް ކަމަށް. ސިޔާސީ ކަންކަމުން ދުރުގައި ތިބި ބައެއް ކަމުގައި ތިޔަބޭފުޅުން ތިކޮށްދެއްވާ ހިދުމަތްތައް ހެޔޮ ހިތުން ބަލައިގަންނަތަން،” ސިފައިންނަށް ޝުކުރު އަދާކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސިފައިންގެ އެންމެ މީހަކުކުރާ ކޮންމެ ކަމެއް މުޅި ސިފައިންގެ އާއިލާއަށް ނިސްބަތް ވެގެންދާނެ ކަމަށެވެ. އެހެންކަމުން ސިފައިންގެ މުވައްސަސާއާ ގުޅުނު ސިފައިންގެ އަމަލުތައް ބަހައްޓާނީ ވެސް ސިފައިންގެ އަގު ހިފެހެއްޓޭނެ ގޮތައް ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ސިފައިންގެ ހިދުމަތް ދިވެހި ދައުލަތުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވަނީ، މިގައުމަށް ފުރާނަ އާއި ހަށިގަނޑުން ޤުރުބާންވާން އެބޭފުޅުންގެ ދަރިން ހަދިޔާކޮށްދެއްވި މައިންބަފައިންނާއި އާއިލާގެ މެންބަރުންނަށް ވެސް ޝުކުރު ދަންނަވައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©