

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1.5 މިލިއަން ފަތުރުވެރިޔާއަށް ހޫނު މަރުހަބާއެއް ރާއްޖެއިން ކިޔައިފިއެވެ.
ރާއްޖެ ޒިޔާރަތްކުރި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ރާއްޖެއަށް އައި 1.5 މިލިއަން ވަނަ ފަތުރުވެރިޔާއަކީ ރަޝިޔާގެ އަންހެނެއްކަމަށްވާ މެރީނާ ކަޒަކޯވާ އެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1.4 މިލިއަނެވެ. އެގޮތުން އެންމެ ގިނައިން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ.
މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދާއި، އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހްގެ އިތުރުން ސަރުކާރުގެ ބައެއް މުވައްސަސާތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
