

ރައީސް ޔާމީން ގެ އެކައުންޓަށް ފައިސާ ވަދެފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހާއި 15ވަނަ ދުވަހު ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
“މަވެސް ޕީޕީއެމް”ގެ ނަމުގައި ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަދެފައިވާ ތާރީހާ އޭރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ހިއްސާ ކުރައްވާފައެވެ.
ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ ވަދެފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހާއި 15ވަނަ ދުވަހުގައި ކަމަށާއި، އެ ދުވަސްވަރަކީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައިވާ ދުވަސްވަރު ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
“އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ވަދެފައިވަނީ 2015ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13ވަނަ ދުވަހާއި 15ވަނަ ދުވަހު. އެ ދުވަސްވަރަކީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލާފައިވާ ދުވަސްވަރު.” ރޭގެ ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.
އަދި ރައީސް ޔާމީންވަނީ މިއަދު އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސައްހަ ދައުވާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށްވާނަމަ އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އެ ދައުވާ ނުއުފުލީ ކީއްވެގެންތޯ ސުވާލު އުފައްދާފައެވެ.
ރައީސް ޔާމީން މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ލޯންޑަރިންގެ ދައުވާއެކެވެ. އެއީ އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާތައް ޖަމާކުރި އެސްއޯއެފް ކުންފުނިން ދެ ފަހަރެއްގެ މަތިން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މައްސަލައެކެވެ.
ރޭގެ ހަފްލާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވިއިރު މިހާރު ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ރައީސް އޮފީސް ތެރެއިން އެތައް މައުލޫމާތުތަކެއް ބޭރު ކުރި ކަމުގެ ތުހުމަތުވެސް ކުރައްވައިފައެވެ.
އަޅުގަނޑު ރައީސް އޮފީހުގައި މަސައްކަތް ކުރަމުން ދިޔައިރު އަޅުގަނޑު ދެނަހުރިން އެމީހުން އަޅުގަނޑަށް ފާރަވެރިވާކަން. ރައީސް އޮފީސް ތެރެއިންވެސް މައުލޫމާތު ގެންދާކަން އަޅުގަނޑަށް އެނގޭ. އެކަމަކު އެއީ އަޅުގަނޑަށް ބެލޭނެ ކަމެއްވެސް ނޫން އަދި ބަލަން ބޭނުންވި ކަމެއްވެސް ނޫން. އެއީ އަޅުގަނޑަށް އެނގޭ އަޅުގަނޑު ގާނޫނާއި ހިލާފު ކަމެއް ނުކުރާނެކަން،” ރައީސް ޔާމީން ވިދާޅުވިއެވެ.
