

އެމްޑީޕީގެ ލީޑާރޝިޕް އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފިއެވެ.
އެމްޑީޕީން މިދިޔަ ހޮނިހިރުދުވަހު ބޭއްވި އެޕާޓީގެ ލީޑަރ ޝިޕްގެ ވަގުތީ ނަތީޖާ މިއަދު އިއުލާންކޮށްފައިވާއިރު އިންތިޚާބުގައި ނައިބްރައީސްކަމުގެ މަގާމަށް ވާދަކުރި އަސްލަމްގެ އިންތިޚާބީ ހައްޤަށް އުނިކަން ލިބިފައިވާ 11 ކަމެއް ފާހަގަކޮށް އަސްލަމް ވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓަށް މައްސަލަ ހުށައަޅާފައިވާކަމަށެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައިވާނީ އަސްލަމްގެ ކަންބޮޑުވުންތަކަށް ލިޔުމުން ޖަވާބު ދެއްވުމަށްފަހު ކަމަށެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގެ ވަގުތީ ނަތީޖާދައްކާގޮތުން 25102 މީހަކު ވޯޓްލާފައިވެއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީގެ ރައީސްގެ މަޤާމަށް އިންތިޚާބުވެވަޑައިގަތް ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ 24202 ވޯޓެވެ. ނައިބް ރައީސްގެ މަގާމު ދިފާއުކުރެއްވި ޝިފާޒަށް ލިބިވަޑައިގެންނެވީ 13815 ވޯޓެވެ. އޭނާއައި ވާދަކުރެއްވި އަސްލަމަށް ލިބިވަޑައިގެންނެވީ 10840 ވޯޓެވެ.
އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބްގެ ދާއިމީ ނަތީޖާ އިއުލާންކުރުމަށް ހަމަޖެހިފައިވަނީ ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން އިންތިޚާބް ބާއްވާތާ 7 ދުވަހުގެ ތެރޭގައިކަމަށް އެމްޑީޕީން ބުނެއެވެ.
