Sun, 7 June, 2020, 1:00 pm
އޯއައިސީގެ އަންހެނުން ބާރުވެރިކުރުވާ ޖަމިއްޔާއާ ރާއްޖެ ގުޅިއްޖެ
2

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޖަމިއްޔާ، އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކުރައްވައިފިއެވެ.

ފޮރިން މިނިސްޓަރު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އޯއައިސީގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ހަރަކާތްތައް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

އެގޮތުން އޯއައިސީ ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަންގައި ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓަރު ސޮއި ކުރެއްވީ، އެ ޖަމިއްޔާގެ މެންބަރު ގައުމަކަށް ރާއްޖެވުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ސެޕްޓެމްބަރު މަހު ރުހުން ދީފައިވާތީއެވެ.

އޯއައިސީގެ މެންބަރު ގައުމުތަކުގައި އަންހެނުން ބާރުވެރިކޮސް، އެކި ކަންކަމުގައި އަންހެނުންގެ ރޯލު އިތުރަށް ފުޅާކުރުމަށް ހިންގާ، ވިމެން ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނާ ރާއްޖެއިން ގުޅުނުއިރު، މިއަދަކީ އަންހެނުންނަށް ކުރާ އަނިޔާތަކާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހެވެ.

މިނިސްޓަރު ޝާހިދު ސައުދީއަށް ކުރައްވާ ދަތުރުފުޅުގައި ތެރެއިން މިއަދު ވަނީ އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހުމަދު އަލް އުތައިމީންއާ ބައްދަލު ކުރައްވައިފައެވެ.

ޖިއްދާގައި ހުންނަ އޯއައިސީގެ މައި އިދާރާގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި އޯއައިސީގެ ހަރަކާތްތަކާއި މަޝްވަރާތަކުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލް ޑރ. އުތައިމީން ވަނީ ރާއްޖެއިން ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވަން ނިންމާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

ޖުމްލަ 57 މެންބަރު ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީއަކީ އދ. ފިޔަވައި ދުނިޔޭގައި އޮތް އެންމެ ބޮޑު ބައިނަލްއަގްވާމީ ޖަމިއްޔާއެވެ. އެ ޖަމިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި އިސްލާމީ ގައުމުތަކުން ބޭނުންވާ ކަންކަން ޕްރޮމޯޓް ކުރުމާއި ސުލްހަ މަސަލަސްކަން ގާއިމްކުރުން ހިމެނެއެވެ.

ރައްޖެއިން އޯއައިސީގެ މެންބަރަކަށްވީ 1976 ވަނަ އަހަރު ރައީސް އިބްރާހިމް ނާސިރު ރަންނަބަނޑޭރިކިލެގެފާނު ރާއްޖޭގެ ވެރިކަމުގައި ހުންނެވިއިރުއެވެ. އޭގެ ފަހުން އޯއައިސީއަކީ ރާއްޖެއިން އެންމެ ހަރަކާތްތެރިކޮށް ބައިވެރިވާ ބައިނަލްއަގުވާމީ އެއް ޖަމިއްޔާއެވެ.

އެގޮތުން މިއަހަރުގެ މާޗް މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައި ބޭއްވި އޯއައިސީ ކައުންސިލް އޮފް މިނިސްޓާސްގެ 46 ވަނަ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ބައިވެރިވެ ވަޑައިގެންފައިވާއިރު، މާތްވެގެންވާ މައްކާގައި މިއަހަރުގެ މެއި މަހު ބޭއްވި 14 ވަނަ އިސްލާމިކް ސަމިޓްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Leave a comment

Your email address will not be published.