މުޙައްމަދު އިބްރާހިމް
25 November 2019
މަޤްބޫލު ޙަބަރު

ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ)ގައި އިސްލާމް ކިޔަވައިދޭ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ސީއެޗްއެސްސީގެ އިސްލާމް ޓީޗަރެއް ކަމަށްވާ ހަސަން ޒަރީރު ނަމަކަށް ކިޔާ އެ ޓީޗަރުގެ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީން އެ މައްސަލަ ބަލަން ފެށީ، އޭނާގެ ފަރާތުން ޖިންސީ ފުރައްސާރަ ލިބިފައިވާ ކަަމަށް ބުނެ އޭނާގެ ދަރިވަރުން ސޯޝަލް މީޑިއާގައި ވާހަކަދައްކަން ފެށުމުންނެވެ.

ބައެއް ދަރިވަރުން ބުނާގޮތުގައި، ސީއެޗްއެސްސީގައި އިސްލާމް މާއްދާ ކިޔަވައިދޭތާ 10 އަކަށްވުރެ ގިނަ އަހަރުވެފައިވާ އެމީހާ، ދަންވަރު ވެސް ދަރިވަރުންނަށް ގުޅައި، އެ ދަރިވަރުން ގެއަށްދާއިރު ފާރަލަމުން ފަހަތުންދެއެވެ. އަދި ނަގައިދޭ ފިލާވަޅުތަކުގައި ވެސް ކަމާ ނުގުޅޭ ޖިންސީ ވާހަކަ ދެއްކި ކަމަށް ތުހުމަތު ކޮށްފައިވެއެވެ.

މި މައުލޫމާތު ފުރަތަމަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ދަރިވަރު ބުނާގޮތުން އެކަން ހިނގާދިޔައީ 2017 ގައެވެ. ނަމަވެސް އޭނާގެ ޕޯސްޓަށް ރިޕްލައިކުރި ސީއެޗްއެސްސީގެ ބައެއް އިސްދަރިވަރުން ބުނާގޮތުގައި، އެއީ 2005 ވަނަ އަހަރުން ފެށިގެން އޭނާ ކުރަމުންދާ ކަމެކެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ މިނިސްޓްރީން ބަލަން ފަށާފައިވަނީ ސީއެޗްއެސްއީގެ ހަސަން ޒަރީރު ނަމަކަށް ކިޔާ އިސްލާމް ޓީޗަރެއްގެ މައްސަލައެކެވެ.

އެގޮތުން މިހާތަނަށް ބެލިބެލުމުން އޭގައި ދަރިވަރުން ފާހަގަކޮށްފައިވާ ކަންކަމަކީ ޓީޗަރުގެ ފަރާތުން ހިނގާފައިވާ ކަންކަން ކަމުގައި ބެލެވޭ ކަމަށް ބަޔާނުގައިވެއެވެ.

“މިފަދަ ކަންކަމަކީ އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ހުރި މީހަކު އޭނާގެ ބެލެހެއްޓުމުގައިވާ ފަރާތަކާ މެދު ހިންގައިގެން ވާނެ އަމަލުތަކެއް ކަމުގައި ނުދެކެމެވެ. އެއްވެސް ބާވަތެއްގެ ފުރައްސާރައެއް ދަރިވަރަކަށް ކުރިމަތިވާނެ ފަދަ އަމަލެއް ސުކޫލުގެ އެއްވެސް މުވައްޒަފެއްގެ ފަރާތުން ހިންގާފައިވާނަމަ އެކަމެއް ބަލައި އެންމެ ހަރުކަށި ފިޔަވަޅު އަޅާނެއެވެ.” މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ، ޖިސްމަށް، އަބުރަށް، ކަރާމާތަށް އުނިކަމެއް އަތުވެދާނެފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަމެއް ބަލައި ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ބެލެނިވެރިންނާއި ދަރިވަރުންނަށް އަރުވާ ކަމަށެވެ. އަދި ކުލާސް ރޫމް އަދި ސުކޫލު މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލަކަށް ހެދުމަށް އަބަދުވެސް އިސްކަންދޭ ކަމަށް ބުނެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©