

ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައާއިގުޅިގެން މައްސަލަ ތަހުޤީޤްކުރި މަރު ކޮމިޝަނުން މީހަކު ހައްޔަރުކުރަން އެދިފައިނުވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެ.
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ޑރ.އަފްރާޝީމް އަލީ މަރާލެވިފައިވާގޮތް ތަޚްޤީޤުކުރި މަރުކޮމިޝަންގެ ރިޕޯޓްގައި އެކަން ހިނގާފައިވާގޮތް ތަފްސީލުކޮށް ބަޔާންކޮށްފައިވާކަމަށެވެ. އަދި ކޮމިޝަނުން އެކުލަވާލި ރިޕޯޓާއި ގުޅިގެން މަރުކޮމިޝަންގެ ބޭފުޅުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްއާއި، ފުލުހުންނާއި 2 ފަހަރެއްގެ މަތިން ބައްދަލުކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމާއިމެދު އަމަލުކުރާނެ ގޮތަކާއިމެދު މަޝްވަރާކޮށްފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ މަރު ކޮމިޝަންގެ ބޭފުޅުންނާއި ބައްދަލުކޮށް ރިޕޯޓްގައި ފާހަގަކޮށްފައިވާ އެއްވެސް މީހަކު ހައްޔަރުކުރަން ފެންނަމަ 24 ގަޑިއިރުތެރޭގައި އެންގެވުމަށް ކޮމިޝަންގައި ދަންނަވާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމައްސަލާގައި ޝާމިލްވާ އެއްވެސް ފަރާތެއް ހައްޔަރުކުރުމަށް ނުފެންނަކަމަށް ކޮމިޝަނުން ވިދާޅުވެފައިވާކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިމައްސަލާގައި ޝާމިލްވާކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ މީހުންނާމެދު ކުރިން ކުރެވުނު ތަހުޤީގުތަކަށްފަހު އިތުރު ހެއްކެއް ލިބިފައިނުވާތީ އެމީހުން ހައްޔަރުކުރެވޭނެ ގޮތެއްނެކަމަށް ކޮމިޝަނުން ވިދާޅުވެފައިވާކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ޑރ.އަފްރާޝީމް އަލީގެ މަރުގެ ރިޕޯޓްގައިވާ ގޮތުން ޑރ.އަފްރާޝީމް އަވަހާރަކޮށްލި ޖަރީމާ ހިންގަން ބަޔަކާ ޙަވާލުކުރީ ރާއްޖޭގައި ހިންގާ ހަރުކަށި ޖަމާއަތެއްގެ ބައެކެވެ.
